ގެއަކަށް ވަދެ ވައްކަން ކުރަން އުޅުނު ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އެ ގެއަށް ވަދެ ވައްކަން ކުރަން މަސައްކަތް ކުރުމުގެ ކުރިން އުރީދޫގެ ފިހާރައަކުން ވައްކަން ކޮށްފައި ވެއެވެ.
އުރީދޫގެ ފާމްދޭރީ މަގުގައި ހުންނަ އިމާރާތުގެ ތެރެއަށް އޭނާ ވަތްކަން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ހެނދުނު 5:50 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. ނަމަވެސް އޭނާ ނެގި އެއްޗެހީގެ ތަފުސީލެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
އުރީދޫއިން ވައްކަން ކުރިކަމަށް ރިޕޯޓު ކުރިތާ ގިނަ އިރެއް ނުވެ އެ ސަރަހައްދުގައި ހުރި އެހެން ގެއެއްގެ ދެ ވަނަ ފްލޯގެ އެޕާޓްމަންޓުގެ ފާޚާނާއިން އެ އެޕާޓްމެންޓަށް ވަދެ ވައްކަން ކުރަން އުޅުނުކަމަށް އަނެއްކާ ވެސް ރިޕޯޓު ލިބުނުކަމަށް ފުލުހުންގެ އޮފިޝަލް ހިއްސާކޮށްފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އެ ގޭ ތެރެއަށް ވަނުމަށް ފަހު އޭނާ ވަނީ އެތެރޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފައެވެ.
އެ ފިރިހެން މީހާގެ ވީޑިއޯއާ އެކު “އެކްސް”ގައި މީހަކު ކުރި ޕޯސްޓުގައި ބުނީ އެ މީހާ އެ ގެއަށް ވައްކަން ކުރަން ވަނީ އިސްތަށިގަނޑެއް ޖަހައިގެން ކަމަށެވެ. އަދި އެ ތަނަށް ވަނީ ގޭންގަކުން ވަޅި ޖަހާތީ ފިލަންވެގެން ކަމަށް ވެސް އެ މީހާ ބުނި ކަމަށް ވީޑިއޯ އާންމު ކުރި ފަރާތުން ހާމަކޮށްފައިވެއެވެ.