ކޯޓު އަމުރެއްގެ ދަށުން ކުރީގެ ސަރުކާރުގެ ފްލެޓު ކޮމިޓީގައި ތިއްބެވި ބޭފުޅުންގެ ގެ ފާސްކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާ އެކު އެ ކޮމިޓީގެ ބޭފުޅުން ދިރިއުޅުއްވާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެވެ.
މިއަދު އޭސީސީ ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރުގެ ދަށުން ކޮމިޓީގެ މެންބަރުންގެ ގެ ބަލައި ފާސް ކުރަނީ އެ ކޮމިޝަނުން ގެންދާ ޖިނާއީ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހިނގާފައިވާ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލައިފައިވާ “ގެދޮރުވެރިންގެ ކޮމިޓީ” ގައި ފަސް ބޭފުޅުން ތިއްބަވާއިރު، އޭސީސީއިން ކޯޓު އަމުރުގެ ދަށުން ބަލަމުން އަންނަނީ ހައުސިންގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓު ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީނާއި ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި އަހުމަދު ވިސާން ނަސީމް އަދި ލިރުއަމް ވަހީދު ދިރިއުޅުއްވާ ތަންތަނެވެ.
މިދިޔަ ސަރުކާރުން ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.
މިއަށްފަހު، 4000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަމަށް އޭސީސީ އިން މިމައްސަލަ ތަޙުގީގު ކުރުމަށްފަހު 2 މަސްދުވަސް ފަހުން ބުނެފައިވެއެވެ. އަދި ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ ކަމަށާއި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެއް ކަމަށް އޭސީސީއިން ބުނެފައިވެއެވެ.