ރާއްޖޭގައި ހިންގާ މީޑިޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މީޑިޔާތަކާއި މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި، ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވީ، ރާއްޖޭގެ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެންގުޅޭނެ އުސޫލުތަކާއި ހަމަތައް ބެލުމަށް މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ.
މީޑިޔާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
އެގޮތުން ރައީސްގެ ވައުދުފުޅާއި އެއްގޮތަށް އަބުރުވެރި މިނިވަން މީޑިއާތަކެއް އުފެއްދުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ވެރިކަމާއި ހަވާލުވިގޮތަސް މީޑިޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ނުދެވުނީ އޭރު ފާސްކުރެވިފައި އޮތް ބަޖެޓްގައި އެކަން ހިމަނައިފައި ނުވުމުން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންވީމާ އަލުން އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން މަސައްކަތް ކުރާއިރު މީޑިއާތަކާއި މަޝްވަރާކޮށްލައިގެން އަޅުގަނޑުމެން ބޭނުންވަނީ ކޮން ހަމަތަކެއް، ކޮން އުސޫލުތަކެއްތޯ އަޅުގަނޑުމެން ގެންގުޅެންވީ މީޑީއާތަކަށް ފައިސާ ދިނުމުގައި – މިނިސްޓަރ
އެގޮތުން މީޑިޔާތަކާއި ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ޓީވީ ސްޓޭޝަންތަކުގެ އިސްވެރިންނާއި އަދި އިންޑަސްޓްރީގެ އިތުރު ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށާއި، މީގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ނޫސްވެރިކަމަކީ އަބުރުވެރި، ސަލާން ޖަހަން ނުޖެހި ކުރާ ނޫސްވެރިކަމަކަށް ހެދުމާއި ވަކި ބައެއްގެ މުށުތެރޭގައި ނޫސްވެރިކަމުގެ ބާރުތައް އޮތް އޮތުން ނިމުމަކަށް ގެނައުން ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.