އާސަހަރާގެ ހުރިހާ މަސައްކަތެއް އެންމެ ލަސްވެގެން އަންނަ އޮގަސްޓު މަހަށް ނިންމައި އެތަން ބޭނުންކުރަން ފަށާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މަސައްކަތުގެ ސްޕީޑު އަވަސްކުރެވިފައިވާ ވާހަކަ ދަންނަވަމުން އާޒިމް ވިދާޅުވީ މިހާރު މަސައްކަތް ދާ ސްޕީޑަށް ބަލައި އެންމެ ލަސްވެގެން އަންނަ އޮގަސްޓް މަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އާސަރަހާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މާލޭ ސިޓީ ކައުންސިލުން ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި އާޒިމް ވިދާޅުވީ އެ މަސައްކަތުގެ ސްޕީޑު މިހާރު އަވަސްކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ދާ ސްޕީޑަށް ބަލައި އެންމެ ލަސްވެގެން އަންނަ އޮގަސްޓް މަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސަހަރާގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔަ ސަބަބަކީ މަސައްކަތް ކުރިއަށް ދިޔަވަރަކަށް ކުރެހުންތަކަށް ގެންނަން ޖެހުނު ބައެއް ބަދަލުތަކާއި ކޮންޓްރެކްޓަރުންނާ ވިދިގެން ޖެހުނު ބައެއް މައްސަލަތަކުގެ ސަބަބުން ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަން މިހާރު ހައްލުވެފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން އާސަހަރާގެ ސްޓްރަކްޗާގެ މަސައްކަތާއި ފިނިޝިންގެ މަސައްކަތް ކުރީ ދެބަޔަކަށް ބަހާލައިގެން ވަކިން ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ 4.9 މިލިއަން ރުފިޔާއަށް މަސައްކަތް ފުރަތަމަ ހަވާލުކުރެވުނު ކަމަށާއި ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމުމުން އެކުންފުންޏާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެއްބަސްވުން އުވާލިއިރު އެކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފައި ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު ބީސިކްސް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ސްޓްރަކްޗާރ ގެ މަސައްކަތް 4.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ ކަމަށާއި މިހާރު އެކުންފުނިން ސްޓްރަކްޗާރގެ މަސައްކަތް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިއަށްފަހު ފިނިޝަންގެ މަސައްކަތްވެސް މިހާރު ވަނީ ހައިމަން ކޮންސްޓްރަކްޝަން ކުންފުންޏަށް 2.7 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ ކަމަށް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވިއެވެ.
“ފިނިޝިންގެ މަސައްކަތް ދާއިރުގައި ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ވެސް މަސައްކަތް ކޮށްދޭ. މިހާރު ހުރި މިސްކިތުގެ އެތައް ބައިވަރު މަސައްކަތެއް، ވަރަށް ބޮޑަށް ފެން ފޭބުމައި އެކަހަލަ އާބާތުރަ ފިލުވުމުގެ ބައިވަރު މަސައްކަތްތައް އެބަހުރި،” އާޒިމް ވިދާޅުވި އެވެ.
“މިހާރުގެ ކޮންޓްރެކްޓަރު ހައިމަން ވަނީ އަޅުގަނޑުމެން ކައިރި ބުނެފައި އެ މަސައްކަތްތައް އެ ބޭފުޅުންގެ ހަރަދުގައި ކޮށްދެއްވާނެ ކަމަށް. އެކަމަށްޓަކައި އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.”
މާލެ ސިޓީ ކައުންސިލުން އައު ސަހަރާއަށް ދާމީހުން މަޑުކުރާނެ ޖާގައިތުރު ކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގައި ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.