އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ އާންމު ކުރި މި ލިސްޓުގައި ހިމެނެނީ 58 ކުންފުންޏެކެވެ. އެއީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހާއި، 2023 ވަނަ އަހަރުގެ މޭ މަހާއި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް އަދި 2024 ވަނަ އަހަރުގެ މޭ މަހު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކެވެ.
ހުއްދަ ނުހޯދާ ބައެއް ކުންފުނިތަކުން މީހުން އުމްރާއަށް ގެންގޮސް، އަޅާލުން ކުޑަ ކުރުމުގެ ސަބަބުން މީހުން ހާލުގައިޖެހޭކަމުގެ ޝަކުވާތަކެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން މަޝްއަރު ޓުއާސް ކިޔާ އެޖެންސީއަކުން މި އަހަރުގެ ރޯދަމަހު ބަޔަކު އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސި މައްސަލަ ފާހަގަކޮށްލެވެއެވެ. މަޝްއަރު ޓުއާސް ހިންގާ ފަރާތްތަކަކީ މީގެ ކުރިން އެހެން ނަމެއްގައި އުމްރާ ގްރޫޕެއް ހިންގި ބައެއްކަމަށް މައުލޫމާތު ލިބެއެވެ. އެ މީހުންގެ ފަރާތުން 2023 ވަނަ އަހަރުގެ ރޯދަމަހު އުމްރާއަށް ގެންދިޔަ ބަޔަކާމެދު އިހުމާލުވިކަމުގެ މައްސަލަ ހުށަހެޅިފައި ވާތީ އިސްލާމިކް މިނިސްޓްރީން އެ މީހުންގެ ހުއްދަ ބާތިލު ކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އެ އެޖެންސީން ވަނީ އުމްރާވެރިންގެ އަތުން ދެކޮޅު ޓިކެޓަށް ވާ ފައިސާ ނެގުމަށް ފަހު، ރިޓާން ޓިކެޓަށް ވާ ފައިސާ ނުދައްކާ ހިފަހައްޓައިފައެވެ. އެހެންކަމުން އެ އެޖެންސީގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް މާލެ ނާދެވި، ގިނަ ދުވަސްތަކެއް ވަންދެން މައްކާގައި ތިބެން ޖެހުނުކަން ފާހަގަކޮށްލެވެއެވެ. މި ކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މަޝްއަރު އެޖެންސީގެ މައްސަލަ ޕޮލިހަށް ވެސް ހުށަހަޅައިފައެވެ.