-Advertisement-

-Advertisement-

ވާހަކަ: ހިތް އެދޭތީ-12

“އަހަރެން އެހެން ބުނީ ސަމާސާއަކަށޭ…ސިމާމަކީ އެކަހަލަ މީހެއް ނޫނެއްނު؟” ދީނާ ވާހަކަ ދެއްކި ގޮތުން ނަދުވާ ހުރީ ދެރަވެފައެވެ. ހިތްހަމަ ނުޖެހިފައެވެ.

“އަސްލުވެސް ބުނަންތަ؟ ސުނޭ އާއި ވަކިވާން ޖެހުނު ގޮތް މިއެނގުނީ ކުރީ ދުވަހު … އެދުވަހުގެ ފަހުން މި ހިތް ބަދަލު ވެއްޖެ. ސުނޭ އަށްޓަކައި މިހިތުގައި ވިންދު ޖަހަން ފަށައިފި … އަހަރެން މީ ސުނޭ ގެ މިލްކެއް… ހަމައެކަނި ސުނޭގެ،”

“ހުއްޓައިލާ… ސިމާމު ކަހަލަ ތެދުވެރިއަކަށް ތިޔަހެން ހަދައިފާނެހެން  އަހަރެން ފަހަރެއްގައިވެސް ހިޔެއް ނުކުރަން،” ނަދުވާގެ އަޑު ބާރުވެފައި ނުރުހުމުގެ އަސަރު އެކުލެވިފައި ވެއެވެ.

“ނަދުވާ ވެސް ރުޅި މަޑުކޮށްފައި ނިކަން އަޑު އަހާބަލަ…؟” މިހެން ބުނުމަށްފަހު ކަންތައް ވީގޮތް ފެށުނީއްސުރެ ނިމެންދެން ދީނާ ކިޔައިދިނެވެ.

“ދެން ހެޔޮ…އަހަރެން ގަބޫލުކުރަން. އެކަމު…ސިމާމަށް ތަކަން ވީގޮތް އެނގެންވާނެ؟ އޭނާއަށް ތިކަންތައް އޮޅުން ފިލުވައިދޭން ވާނެ؟”

“އޭރުން ރަނގަޅެއް ނުވާނެ؟ އަހަންނަށްޓަކައި އަދި މިކަންތައް ސިއްރު ކޮށްލަދީ؟” ދީނާ އެނދުނީ އެކަންތައްތައް ސިއްރު ކޮށްދިނުމަށެވެ. އެހެން ކަމުން ހިތާއި ދެކޮޅަށް ނަމަވެސް ނަދުވާވެސް އެކަމާ އެއްބަސްވިއެވެ. ދުވަސްވީ ރަހުމަތްތެރިކަމަށްޓަކައެވެ. ބެސްޓް ފުރެންޑް ވީމައެވެ.

ދީނާ އިނީ ޖޯލިފަތީގައެވެ. ސިމާމުގެ ފޯން ކޯލުގެ އިންތިޒާރުގައެވެ. އެއްފަހަރު އަތުކުރި ގަޑިއަށް އަނެއް ފަހަރު އަތުގައި އޮތް ފޯނުން ގަޑި ބަލައިލައެވެ. ފޫހިވެފައި އިން ކަހަލަ ގޮތަކަށެވެ. އެ ފޯނު ކޯލްއަށް އިންތިޒާރު ނުކުރާކަހަލައެވެ.

ފޯނު ރިންގު ވާން ފެށިއެވެ. ނުނަގަން ހުއްޓަސް ދީނާ އެންމެ ފަހުން ފޯނު ނެގިއެވެ.

“ހެލޯ… ދީނާ ކިހިނެއްތަ؟ ރަގަނޅު ދޯ؟”  ދީނާ އެއްޗެއް ބުނަން ފުރުސަތެއް ނުދީ ސިމާމު ވާހަކަ ދެއްކިއެވެ.

“ހޫނ ރަގަނޅު. ސިމާމު ކިހިނެއް؟”

“ރަގަނޅު… ވަރަށް މިސްވޭ،”

“އަހަރެންވެސް..،”

“އުނީ ދީނާ ނެތީމަ…ހިތައްއަރާ އަހަރެން ކައިރީ ދީނާ ހުރި ނަމައޭ… ގެންނަންވީ ދޯ؟” ސިމާމު އެހިއެވެ.

“ނޫން … އޭރުންނޯ؟ އަހަރެން ނުދާނަން… އަދި ތިޔަ އުޅެނީ ހަމައަކަށް ވެސް ނޭޅި،” ދީނާ އިންކާރު ކުރިއެވެ.

“އަހަރެން ސަމާސަ ކޮށްލީއޭ…ހިތްހަމަ ނުޖެހުނީތަ؟ އަހަރެން ވަރަށް ދެރަވާނެ ދީނާ ހިތްހަމަ ނުޖެހި ހުންނަންޔާ؟ އެހެން ނުހުންނާތި؟ އަހަރެން ނެތީމަ ވަރަށް ވައި ދޯ؟”

“ނޫނޭ…ނަދުވާ އެހުރީ އެއްނު. އޭނަ ހުރިއްޔާ ފޫއްސެއް ނުވާނެ،” ސިމާމު އެހެން ބުނުމުން ދީނާ އަވަސް އަވަހަށް ބުންޏެވެ.

“އަހަރެން މަތިން ހަދާން ނައްތައި ނުލައްޗޭ؟ އަހަރެމެން ކައިވެނި ކޮށްގެން މާލޭގައިދޯ އުޅޭނީ؟”

ދީނާ އެއްވެސް އެއްޗެއް ނުބުންޏެވެ.
“ދީނާ… އަޑު އިވޭތަ؟ ކީއްވެ އެއްޗެއް ނުބުނީ؟” ދީނާގެ ޖަވާބެއް ނުލިބުމުން ސިމާމު އެހިއެވެ.

“މާއަވަހަށް މެރީގެ ވާހަކަ ދައްކާތީ؟” ފޫހި ރާގަކަށް ދީނާއަށް ބުނެވުނެވެ.

“ހާދަ އެހެން ގޮތަކަށް. ދީނާ ބޭނުމެއް ނުވޭތަ މެރީ ކުރާކަށް؟” ކުޑަކޮށް ހާސްވެފައި ސިމާމު އެހިއެވެ.

“ނޫން… އެހެންނެއް ނޫން. މާލޭގައި ފައިޖެހޭ ގޮތަށް އެވާހަކަ ….އަދި ތަޔަ އުޅެނީ ހަމަޖެހިވެސް ނުލެވިގެން. އަމިއްލަ ފައި މައްޗަށް ތެދުވެގެން އަހަރެން ބޭނުންވަނީ މެރީ އަކާ ހިސާބަށް ދާން،” ދީނާ ފާޅުކުރީ އޭނާގެ ޚިޔާލެވެ. އެ ޚިޔާލަށް ސިމާމުވެސް އެއްބަސްވިއެވެ. މާއަވަހަށް އޭނާއަށް ކައިވެނީގެ ވާހަކަ ދެއްކުނީ، ދީނާ އާއި އިނުމަށް އޭނާ ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ.

ދެމީހުން ލޯބީގެ އެތައް ވާހަކައެއް ދެއްކިއެވެ. ދީނާ ފޯނު ނުބޭއްވިގެން އުޅޭކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ސިމާމަށް ކުރެވުނެވެ.

“ތާކަށް ދާންފައި އޮތީތަ؟ ފޯނު ނުބެއްވިގެން ތިޔަ އުޅެނީ؟” ހިތްހަމަ ނުޖެހިފައި ސިމާމު އަހައިލިއެވެ.

“އުހުން…ދެން އަބަދު ފޯނުގައެއްވެސް ނޯވެ ވޭނެއެއްނު؟ ގޭގެ މަސައްކަތްތައް ވެސް އެބަ ހުއްޓޭ އެހެންވީމަ، ” ދީނާ ދޮގު ހެދިއެވެ. ހަގީގަތަކީ އޭނާގެ އެއްވެސް ޝައުގެއް ސިމާމާއި ވާހަކަ ދެއްކުމަށް މިހާރު ނެތް ކަމެވެ.

“އެންމެ ރަގަނޅު ކޮންމެ ދުވަހަކު ވެސް އަހަރެން ގުޅާނަން. އިންތިޒާރު ކުރައްޗޭ؟ … ވަރަށް ލޯބިވޭ؟ … ވަރަށް މިސްވޭ؟… ލަވް ޔޫ،”

“ލަވް ޔޫ ޓޫ،” ދީނާ ފޯނު ކަޑާލިއެވެ.

ދީނާގެ މިއަމަލުން ސިމާމުގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އޭނާ ހިތައް އަރަމުން ދިޔައެވެ. ދީނާއަށް މިހާރު އައިސްގެ އެއުޅެނީ ކޮން ބަދަލެއް ބާއެވެ. މިއަދުވެސް އަހަންނާއި ވާހަކަ ދެއްކިއިރު ގަޔާވާގޮތެއް ނެތެވެ. އަވަސް އަވަސް ކޮށްލާފައި އުޅުނީ ފޯނު ބާއްވާށެވެ. މީކީ އެހެންޏާ ވާގޮތެއް ނޫނެވެ. އަނެއްނާ ކިހިނެއްވީބާއެވެ. ސިމާމު ޚިޔާލުގެ ތެރެއަށް ގޮސް ޣަރަގު ވެއްޖެއެވެ. ދީނާއަށް އައި ބަދަލު އޮޅުން ނުފިލަނީހެއް އޭނާގެ ހިތަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ސިމާމު ފިކުރުތަކާއެކު އެނދުގައި އިށީދެގެން ދަތްދޮޅީގައި އަތް ވިއްދާލައިގެން ހުއްޓާ އޭނާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލީމައެވެ.

“ސިމާމް….އާދަ ފުން ޚިޔާލެއްގައި؟ ކިހިނެއްވީ؟” ސިމަމު ކަމަކާ ފިކުރު ބޮޑުވެފައި ހުރިތަން ފެނުމުން ޒައިން އަހައިލިއެވެ.

“އަހަންނަށް ހީވަނީ. ދީނާ…ދީނާ ބަދަލު ވެއްޖެހެން. ދެންމެ އަހަރެންނާ ފޯނުން ވާހަކަ ދެއްކީ މާ ގަޔާވާ ގޮތަކަށް ނޫން،”

“ތީ އާކަމެއް ނޫން …ދެ ލޯބިވެރިން ދުރުގައި ހުންނަން ޖެހިއްޖެ ނަމަ ތިޔަ ކަހަލަ ޝައްކުތައް އުފެދޭނެ …ތިކަމާ މާބޮޑަށް ފިކުރު ބޮޑުކުރާން ވެއްޖެނަމަ ތިޔަ ހާސިލްކުރަން ބޭނުންވާ ކަންތައްތަކަށް ބުރޫ އަރާނެ؟ …އަހަރެން ގެ ބަހެއް އަހަންޏާ ތިޔަ ކަހަލަ ހަގީގަތެއް ނެތް ޚިޔާލުތަކާ ދުރުވެލާ؟” ޒައިން އަކީ ކޫލް މީހެކެވެ. އޭނާ އަކީ ކަންކަމާ އެހާބޮޑަށް ފިކުރުކުރަން ބޭނުންނުވާ މިނިވަން ޚިޔާލުގެ ވެރިއެކެވެ. އެހެންކަމުން އޭނާ ބުނީ އޭނާއަށް ފެންނަ ގޮތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-