ރާއްޖޭގައި އަލަށް އުފަންވާކުދިންގެ ނިސްބަތް ދަށްވުމަކީ ޤައުމީ ފެންވަރުގައި މަޝްވަރާކުރަން ޖެހޭކަމެއް ކަމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، އަލަށް އުފަންވާ ކުދިންގެ ނިސްބަތް ދަށް ވުމަކީ ރާއްޖޭގެ އިތުރުން އުނިޔޭގެ އެހެން ގައުމުތަކަށްވެސް ދިމާވެފައިވާ މައްސަލައެއްކަމަށެވެ.
އެގޮތުން އެފަދަ ގައުމުތަކުން އެކަން ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އޭގެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އުފަންވާ ކުދިންނަށް އެކި ކަހަލަ އިނާޔަތްތައް ދެމުންގެންދާކަމަށެވެ.
މީގެ އިތުރުން ވަޒީފާ އަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމުތައް ވެސް ބައެއް ގައުމުތަކުގައި ހަރުދަނާ ކުރަމުން އަންނަކަން ވަޒީރު ވަނީ ފާހަގަ ކުރައްވައިފައެވެ.
އެގޮތުން ރާއްޖޭގައިވެސް ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާ އަދާކުރެވޭނެ މަގުތައް ފަހިވާންޖެހޭކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، މިކަމާއި ގުޅޭގޮތުން އަމަލުކުރާނެ ގޮތަކާމެދު ޤައުމީ ފެންވަރުގައި އަވަސް މަޝްވަރާތަކަކަށް ދާން ޖެހޭ ކަމަށެވެ.
އަދި ހަމަ އެހެންމެ އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ރާއްޖެއަށް މިހާރު އޮތީ ހަނި ފުރުސަތެއް ކަމަށާއި އެ ފުރުޞަތުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފިއްޖެނަމަ އެއީ، ޤައުމީ ތަރައްޤީއަށް އެޅިގެންދާނެ ހުރަހެއްކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެންމެ ފަހުން 2022 ގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ އަށް ރިއާޔަޔްކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފައިވާ ގޮތުގައި 2014 ގައި ބޯހިމެނި އިރު، ރާއްޖޭގެ އާބާދީ އަކީ 338،434 ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީ އަކީ 382،751 އެވެ.
އެހެންވެ އެންމެ ފަހުން ބޯހިމެނުން ކުރިއަށް ގެންދިއުމާ ދޭތެރޭގައި އާބާދީއަށް އިތުރުވީ 44،317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5،500 ކުދިންނެވެ.