-Advertisement-

-Advertisement-

އެމެރިކާގެ މަހުޖަނެއް ޓިކްޓޮކް ގަތުމުގެ ވިސްނުމުގައި

އެމެރިކާގެ ބިލިއަނަރެއްކަމަށްވާ ފްރޭންކް މެކްކޯޓް. ފޮޓޯ: ސީއެންބީސީ ނިއުސް

އެމެރިކާގެ ބިލިއަނަރެއްކަމަށްވާ ފްރޭންކް މެކްކޯޓް، ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ގަންނަން ވިސްނަން ފަށައިފިއެވެ.

ފްރެންކް މެކްކޯޓަކީ ‘ލޮސް އެންޖެލަސް – ޑޮޖާސް ބާސްކެޓް ބޯލް ޓީމް’ގެ ވެރިޔާގެ ގޮތުގައި މަޝްހޫރު މީހެކެވެ. މެކްކޯޓަކީ އަބަދު ވެސް ބޮޑެތި ޓެކް ކުންފުނިތަކުން އިންޓަނެޓް ހިސާރު ކުރަމުންދާކަމަށާއި މުޖުތަމައުތައް ހަލާކު ކުރަމުންދާކަމަށް ތުހުމަތު ކުރައްވަމުން އަންނަ ފަރާތެކެވެ. ހަމައެހެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބް އޮލިމްޕިކޭ ޑި މާސިލޭގެ ވެރިޔާއަކީ ވެސް މެކްކޯޓެވެ. މީގެ އިތުރުން މެކްކޯޓަކީ ރިއަލްއެސްޓޭޓް ވިޔަފާރީގެ ދާއިރާއިން ވެސް ފާހަގަ ކޮށްލެވޭ މަހުޖަނެކެވެ.

މެކްކޯޓް މި ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވަނީ ޓޮރޮންޓޯގައި ބޭއްވި ކޮލިޝަން ޓެކް ކޮންފަރެންސްގައި ދެއްވި އިންޓަވިއުއެއްގައެވެ. އޭޖެންސް ފްރާންސް-ޕްރެސް (އޭއެފްޕީ)އިން އާންމު ކުރި ގޮތުގައި ބޮޑެތި ޓެކް ކުންފުނިތަކުން އަހަރެމެންގެ ސިކުނޑިއާ ކުޅެމުންދާކަމަށް މެކްކޯޓް ވިދާޅުވިއެވެ. އަދި މި ފަދަ ކުންފުނިތަކުގެ ސަބަބުން މުޖްތަމައުތަކުގައި ބޮޑު ބައިބައިވުންތައް އުފެދެމުންދާކަމަށް އެ ބޭފުޅާ ތުހުމަތު ކުރައްވާފައިވެއެވެ. އެހެންކަމުން މި ކަން ބަދަލުކުރަންވީ ވަގުތު އައިސް ޖެހިފައިވާކަމަށް މެކްކޯޓް އެ އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.

މެކްކޯޓް ވިދާޅުވީ ސޯޝަލް މީޑިއާ ކޮންޓްރޯލު ކުރެއްވުމުގެ ވިސްނުންފުޅު އެންމެ ފުރަތަމަ ގެންގުޅުއްވަން ފެއްޓެވީ އެ ޕްލެޓްފޯމްތަކުގެ ސަބަބުން އޭނާގެ ހަތް ދަރިންނަށް އޮތް ނުރައްކާ ވިސްނިވަޑައިގެންކަމަށެވެ. މެކްކޯޓް ވިދާޅުވީ އިންސްޓަގްރާމް، ޔޫޓިއުބް، ޓިކްޓޮކް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކުގެ ބާރު އިންޓަނެޓްގައި ކުޑަކޮށްގެން މިހާރު ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަށް ހައްލެއް ފެނިދާނެކަމަށެވެ.

ޗައިނާގެ ކުންފުންޏެއްގެ މިލްކެއްކަމަށްވާ ޓިކްޓޮކަކީ އެމެރިކާއަށް ނުރައްކަލެއްކަމަށް ބަލައި އެ ޕްލެޓްފޯމްގެ އެމެރިކާ ކުންފުނީގެ ކޮންޓްރޯލް ޗައިނާއަށް ނޯންނަ ގޮތް ހެދުމުގެ ގޮތުން ވިއްކާލަން ލާޒިމްކޮށް މިހާރު ވަނީ ބިލެއް ފާސްކޮށްފައެވެ. ހަމައެހެންމެ މެކްކޯޓްގެ އިތުރުން ވެސް އެމެރިކާގެ ބައެއް މަހުޖަނުން އެ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-