-Advertisement-

-Advertisement-

ހައްޖު ކޯޕަރޭޝަންގެ އިންތިޒާމުތަކާ މެދު ހިތްހަމަޖެހޭ. އަދިވެސް ފުރިހަމަ ކުރާނަން: ޝަހީމް

ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް ސޯޝަލް އެކޮމީ ފޯރަމްގައި ވާހަކަ ދައްކަވަނީ – ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ރާއްޖެއިން ހައްޖަށް ފޮނުވި މީހުނަށް ބޭނުންވާ އިންތިޒާމުތައް ކުރިއަށް ގެންދެވުނީ ކާމިޔާބުކަމާއެކުކަމަށާއި ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ފާހަގަވެފައިވާތީ އެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ މިދިޔަ ބުދަ ދުވަހު މި އަހަރު ހައްޖަށް ދިޔަ މީހުންނަށް ދެއްވި މެސެޖެއްގައެވެ. ޝަހީމް ވިދާޅުވީ އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ އެހާ ބޮޑު ކަމެއްގައި ކިތަންމެ ބޮޑަށް ކަންކަން ފުރިހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް އަމިއްލަ ބާރުން ބޭރުން ހިނގާ ބައެއް އުނި ކަންކަން ހުންނާނެކަމަށެވެ. ކަން މިހެން ހުރި ނަމަވެސް އެ މާހައުލަކީ ހޫނު ގަދަ މާހައުލަކަށް ވުމުން ހާޖީންގެ ސިއްހަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާނެކަން ޝަހީމް ފާހަގަކުރެއްވިއެވެ.

މި އަހަރަކީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ހައްޖަށް މީހުން ގެންދިޔަ ދެ ވަނަ ފަހަރުކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. މި އަހަރު 1،150 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަކަން ފާހަގަކޮށްލެވެއެވެ.

ޝަހީމް ފާހަގަ ކުރެއްވީ ޖުމްލަ ގޮތެއްގައި ގިނަ ކަންކަން ކުރެވުނީ ކާމިޔާބުކަމާ އެކުގައިކަމަށެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަން:

– ފެންވަރު ރަނގަޅު ދިވެހި ރަހަތަކާ އެކު ކެއުން ފޯރުކޮށްދިން.

– ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދިނުން. ޑައިލިސް ހަދާ މީހުންނާއި ކެންސަރު ފަރުވާއާއި ހިތުގެ ބަލި ހުންނަ ބައެއް މީހުން ތިބި. އެ އެންމެންނަށް އޯގާތެރިކަން ފޯރުކޮށްދެވިފައިވޭ.

– އެޑްމިޓްކުރި މީހުންނަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދިން.

– މަގު އޮޅުނު ސަތޭކައެއްހާ މީހުން ޑިވައިސްގެ އެހީގައި ހޯދި.

– އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދިޔަ.

– ވީލްޗެއާގައި ގިނަ ބަޔަކު އުޅުނު އިރު އެ އެންމެންނަށް އެހީތެރިކަން ދިން.

– އަރަފާތުގެ ފޭލިގޭގެ އިންތިޒާމުތައް ފުރިހަމަ.

މި ހުރިހާ ކަމަކާ އެކުވެސް މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރިކަމަށް ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިމަގުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-