ޔޫރޯ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމް އިޓަލީ ބަލިކޮށް ގްރޫޕް ބީ ގެ އެއްވަނަ މަގާމް ހޯދައި ދެވަނަ ބުރަށް ސްޕެއިން ކޮލިފައިވެއްޖެއެވެ.
މި މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ރަނގަޅު ކުޅުމެއް ދެއްކި ސްޕެއިން ޓީމުން މި މެޗު ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގައި ފެނުނު ހަމައެކަނި ގޯލަކީ މެޗުގެ 55 ވަނަ މިނުޓުގައި ސްޕެއިންގެ ނިކޯ ވިލިއަމްސް ފޮނުވާލި ކްރޮސަކުން އިޓަލީގެ ރިކާޑޯ ކަލަފިއޯރީ ބައިކޮޅަށް ޖެހި ގޯލެކެވެ.
މި މެޗުގައި ސްޕެއިން އިން އިތުރު ގޯލުތައް ޖަހާނެ ބައިވަރު ފުރުސަތުތައް އުފައްދާފައިވީ ނަމަވެސް އިޓަލީގެ ގޯލު ކީޕަރުގެ ހުށިޔާރުކަމުން އިތުރު ގޯލެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ސްޕެއިންގެ 16 އަހަރުގެ ކުޅުންތެރިޔާ ލަމިން ޔަމާލް އަދި މެޗުގެ ހަމައެކަނި ގޯލުގެ ފުރުސަތު އުފައްދައިދިން ނިކޯ ވިލިއަމްސް އިންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އިން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވެއެވެ. އެޓީމުން މުޅި މެޗުގައި ޖެހިފައިވަނީ އެންމެ ޝޮޓެއްކަންވެސް ފާހަނގަކޮށްލެވެއެވެ.
މި ނަތީއްޖާއާއެކު ސްޕެއިން އިން 12 އަހަރަށް ފަހު އަލުން ޔޫރޯ ތަށި ނަގާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސްޕެއިން އިން ގްރޫބް ސްޓޭޖް ނިންމާލާނީ ޖޫން 24 ވަނަ ދުވަހު އަލްބޭނިއާ އާއި ދެކޮޅަށް ކުޅޭ މެޗަކުންނެވެ.