ކައުބަތުالله ގެފުޅުގެ ތަޅުތަނޑި ބަލައްޓަމުން ގެންދިޔަ ޑރ.ސާލިޙް ބިން ޒައިން އަލް-ޢާބިދީން އަލް-ޝައިބީ ނިޔާވެއްޖެއެވެ.
މުސްލިމުން މައްކާ ފަތަޙަކުރިފަހުން ކައުބާގެ ތަޅުދަނޑި ބަލަހައްޓަން ހަވާލުވި 77 ވަނަ ފަރާތްކަމުގައިވާ ސާލިޙް އަލް-ޝައިބީ ނިޔާވީ ހުކުރު ދުވަހުގެ ހަވީރު މައްކާގައެވެ. އޭނާއަކީ މައްކާގެ މަޝްހޫރު ޔުނިވަސިޓީއެއް ކަމަށްވާ އުއްމުލް ޤުރާގެ އަޤީދާ ޤިސްމުގެ ޗެއާމަންކަންވެސް 20 އަހަރު ކުރެއްވި ބޭފުޅެކެވެ.
ކައުބާގެ ތަޅުދަނޑި ބެލެހެއްޓުމުގެ އިތުރުން އޭނާގެ ޒިންމާތަކުގެ ތެރޭގައި ކައުބާ ސާފުކޮށް ބެލެހެއްޓުމާއި, ކައުބާގެ އުރަކޮޅު މަރާމަތްކުރުމުގެ އިތުރުން އެތަނަށް ޒިޔާރަތްކުރާ މީހުންގެ މެހެމާންދާރީ ހަމަޖެއްސުން ހިމެނެއެވެ. ސާލިޙް އަލް-ޝައިބީ މި މަޤާމާއި ހަވާލުވީ 2013 ވަނަ އަހަރު އޭނާގެ ބޮޑުބޭބެ އަބްދުލް ޤާދިރު ތާހާ އަލް-ޝައިބީ ނިޔާވުމާ ގުޅިގެންނެވެ.
ސާލިޙް އަލް-ޝައިބީ އަށްފަހު ކައުބާގެ ތަޅުދަނޑި ހަވާލުވާނެ ކަމަށް ބެލެވެނީ އޭނާގެ ދަރި ޢަބްދުއްރަޙްމާން އަލް-ޝައިބީ ނުވަތަ އޭނާގެ ބޮޑުބޭބެ ޢަބްދުލް ވައްހާބް އަލް-ޝައިބީއެވެ.
ސާލިޙްގެ އަލް-ޝައިބީގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ފަތިސްނަމާދަށްފަހު މައްކާގެ މަސްޖިދުލް ޙަރާމްގައެވެ.