ރާއްޖޭގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކޮށް ހިންގުމުގެ މަސައްކަތަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅި މެލޭޝިއާގެ ކުންފުންޏަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އެ ފަރުވާ ދިނުމަށް ސެންޓަރުތައް ގާއިމުކޮށް ހިންގަމުން އަންނަ ކުންފުންޏެއްކަމަށް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެއެވެ. ނަމަވެސް އެ އިންޓަވިއުގައި މި ކުންފުނީގެ ނަން އިހުސާން ހާމައެއް ނުކުރައްވައެވެ.
އިހުސާން ވިދާޅުވި ގޮތުގައި އެ ކުންފުނިން ހުށަހަޅާފައި ވަނީ ބޮޑު އަގެކެވެ. ނަމަވެސް ރާއްޖޭގައި ފަރުވާ ހޯދަމުން އަންނަ މީހުންނަކީ އެހާ ފޯރުންތެރި ބަޔަކަށް ނުވާތީ، ނޭޝަނަލް ޑްރަގު އެޖެންސީގެ ބަޖެޓުން ނުވަތަ އާސަންދަ ސްކީމުގެ ދަށުން އެ މީހުންނަށް ފަރުވާ ހޯދޭނެ ގޮތެއް އޮތްތޯ ބަލަމުންދާކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ފާހަގަ ކުރެއްވި ގޮތުގައި އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ރިހެބިލިޓޭޝަން ސެންޓަރެއް ހިންގުމަކީ ވާދަވެރިކަން އިތުރުވެ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމެކެވެ.
ނޭޝަނަލް ޑްރަގު އެޖެންސީން ރާއްޖޭގެ ތިން އަތޮޅެއްގައި ރިހެބިލިޓޭޝަން ސެންޓަރު ގާއިމު ކުރުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ރާއްޖޭގެ އުތުރުން ނ އަތޮޅުގައާއި މެދު ރާއްޖެ ތެރެއިން ކ އަތޮޅު ކާށިދޫގައާއި ރާއްޖޭގެ ދެކުނުން ލ އަތޮޅުގައެވެ.