އެހެން ބޭނުމަކަށް އިއްޒުއްދީން ސްކޫލު މިހާރު ހިންގާ ބިން ނުދޭނެކަމަށާއި އެހެން ސްކޫލެއް ވެސް އެ ތަނަށް ބަދަލު ނުކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެއެވެ.
އިއްޒުއްދީން ސްކޫލު އިމާރާތުގެ 3 ވަނަ ފަންގިފިލާގައި ރެނދު ލުމުން އެ ސްކޫލާ މެދު ބައެއް ބެލެނިވެރިން ވަނީ ސުވާލު އުފައްދާފައެވެ. ސުކޫލު ބަންދު ކޮށްފާނެކަމުގެ ބިރު ބެލެނިވެރިންގެ މެދުގައި އުފެދުނީ ރެނދު ލުމާ ގުޅިގެން އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން އެސެސްމެންޓެއް ހަދަން ފެށުމަށް ފަހު އެސެސްމަންޓުގެ ނަތީޖާއަށް ބަލައި ކުދިން އެހެން ތަނަކަށް ބަދަލު ކުރަން ޖެހިދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނުމުންނެވެ.
ރެނދު ހުރިކަން ފާހަގަވެގެން ސުކޫލުގެ ފަރާތުން ދެ ޓީމެއް ގެންގޮސް، އެ ތަން ބެލިކަމަށާއި ކުދިންނަށް ކިޔަވައިދޭން ބޭނުންކުރަން އެ އިމާރާތް ރައްކާތެރި ނޫންކަމަށް އެ ޓީމުތަކުން ބުނިކަމަށް، ޕްރިންސިޕަލާ ހަވާލާދީ ވާހަކަދެއްކި ބައެއް ބެލެނިވެރިން މީގެ ކުރިން ބުނެފައިވެއެވެ.
“އިއްޒުއްދީން ސްކޫލްގެ ކުދިން އެ ސްކޫލުގައި ތިބެން ރައްކާތެރި ނުވާކަމަށް ބުނެފައި، ދެން އެހެން ބަޔަކަށް އެ އިމާރާތް ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. މި އުޅެނީ އިއްޒުއްދީން ސްކޫލުގައި ރެނދެއް ލައިގެން” ޝަރީފް ވިދާޅުވިއެވެ.
މިހާރު އިއްޒުންދީން ސްކޫލު ހުރި އިމާރާތަކީ ކުރިން މޯލްޑިވްސް އެމްޕްލޮއިމަންޓް ސާވިސަސް (އެމް.އި.އެސް) ހިންގުމަށް ބޭނުން ކުރެވުނު އިމާރާތެކެވެ.