ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަށުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ރަށްރަށާ މެދު އަމަލުކުރާނެ ގޮތްތަކެއް ސަރުކާރުން ނިންމައިފިކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ.
ފައިސަލް ވިދާޅުވީ، ނުހެދި ހުރި ރަށްރަށާ މެދު ދެ ގޮތަކަށް އަމަލު ކުރަން އިކޮނޮމިކް ކައުންސިލުން ވާހަކަ ދެއްކުމަށް ފަހު ރާވާފައިވާކަމަށެވެ. އެގޮތުން އެއްވެސް ވަރަކަށް މަސައްކަތެއް ނުފަށާ ހުރި ރަށްރަށުން ދައުލަތަށް ލިބެން ހުރި ފައިސާތައް ދެއްކޭނެ ގޮތްތަކެއް ބެލުމަށް ފަހު އެ ރަށްރަށް ދައުލަތަށް އަނބުރާ ހޯދުމަށް ވަނީ ރޭވިފައެވެ. ހަމައެއާއެކު ރިސޯޓު ހެދުމަށްޓަކައި ކޮންސްޓްރަކްޝަން މަސައްކަތް ފަށާފައިވާ ރަށްރަށް އަވަހަށް ހުޅުވޭނެ ގޮތްތަކެއް ހޯދައި ދިނުމަށް ވަނީ ރޭވިފައިކަމަށް ފައިސަލް ވިދާޅުވިއެވެ.
“އަޅުގަނޑުމެން އިތުރަށް ޓޫރިޒަމް ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅައިގެން އެބަ ގެންދަން. އެބަ ހުރި 30 އަހަރު ވެފައި ހުރި ރަށްރަށް ވެސް ނުހެދި. ދައުލަތަށް ކުއްޔާއި ފައިންގެ ގޮތުގައި ބޮޑެތި އަދަދުތައް ދައްކަން ޖެހޭ ފަރާތްތައް އެބަ ހުރި” ފައިސަލް ވިދާޅުވިއެވެ.
މައްސަލަ ދިމާވެފައިވާ ރަށްރަށުގެ ވެރިންނާ ވަކިވަކިން ބައްދަލުކުރައްވާ، މަޝްވަރާކޮށް، ހައްލުތައް ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވި ގޮތުގައި، އެންމެ ބޮޑު ބޭނުމަކީ، މި ރަށްރަށް އަތުލުމުގެ ބަދަލުގައި އަވަހަށް ހެދޭނެ ގޮތްތަކެއް ހޯދުމެވެ.
މިނިސްޓްރީ އޮފް ފިނޭންސުން މިދިޔަ އަހަރު އާންމުކުރި ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން އެއްގޮތަކަށް ވެސް ކުރިއަށް ނުގޮސް ހުއްޓިފައި ހުރި ރަށްރަށުގެ ސަބަބުން 1.7 ބިލިއަން ޑޮލަރުގެ ގެއްލުން ސަރުކާރަށް ލިބެއެވެ. އެއީ 26 ބިލިއަން ރުފިޔާއަށްވާ ދިވެހި ފައިސާއެވެ.