މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދަތުރުވެރިން ރާއްޖެ އަންނައިރު ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ރާއްޖެ ގެންނަ ތަކެތިން ޑިއުޓީ މަޢާފްވާ މިންވަރު 10،000 އަށް ބަދަލުވާނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ކަސްޓަމަސް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ދަތުރުވެރިން ރާއްޖެ އަންނައިރު ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ރާއްޖެ ގެންނަ ތަކެތިން ޑިއުޓީ މާފު ކުރުމުގެ އުޞޫލަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އިމްޕޯޓް އެކްސްޕޯޓް ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޑިއުޓީ މާފު ކުރުމުގެ އިޚްތިޔާރުގެ ދަށުން ދަތުރުވެރިން ރާއްޖެ ގެންނައިރު ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ރާއްޖެ ގެންނަ ތަކެތީގެ އެލަވަންސް 6000 ދިވެހި ރުފިޔާއިން 10،000 ދިވެހި ރުފިޔާއަށް ބޮޑުވެފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މިބަދަލާއި ގުޅިގެން މިކަމާއި ބެހޭ އުސޫލަށް މިހާރު ވާނީ އިސްލާހު ގެނެސް ކަސްޓަމްސްގެ ވެބްސައިޓް ޝާއިއު ކޮށްފައެވެ.
މިގެނެވުނު ބަދަލަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް މަންފާކުރާނެ އަދި ވަރަށް އުފާވެރި ބަދަލަކަށްވާނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.