ޔޫރޯ 2024 މުބާރާތުގެ ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުން ފެވަރިޓްސް ފްރާންސް އެއްވަރުވެ ގްރޫޕްގެ ދަވަނައަށް ވެއްޓިއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ޑޯޓްމަންޑްގައި ފްރާންސާއި ޕޮލެންޑް ބައްދަލު ކުރި މެޗުގެ ނަތީއްޖާއަކީ 1-1 އެވެ. މި މެޗުގެ ދެގޯލަކީވެސް ޕެނަލްޓީއެވެ. ފްރާންސްގެ ޕެނަލްޓީ އެޓީމުގެ ތަރި އެމްބާޕޭ ކާމިޔާބު ކޮށްފައިވާއިރު ޕޮލެންޑްގެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ބާސެލޯނާގެ ފޯވާޑް ލެވަންޑޯސްކީއެވެ.
މި ދެޓީމު އެއްވަރުވުމުން މި ގްރޫޕުގެ އެއްވަނަ މަގާމު ނަގާފައިވަނީ އެއްވެސް ބަޔަކު ހީނުކުރާ އޮސްޓްރިއާ ޓީމުންނެވެ. އެޓީމުން ވަނީ ގްރޫޕް ސްޓޭޖް ފަހު މެޗުން 3-2 ގެ ނަތީއްޖާއަކުން ނެދަލެންޑްސް ބަލިކޮށްފައެވެ.
ފްރާންސަށް މި މެޗުން ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނުކަމުގައިވިއަސް ޕޮލެންޑްގެ ގޯލް ކީޕަރުވަނީ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ސޭވްތަކެއް ހަދާފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ އޭނާއެވެ. މި ނަތީއްޖާއާކު ވަރަށް ދަށް ގޮތަކަށް ގްރޫޕް ސްޓޭޖް ނިންމާލާފައިވާ ފްރާންސް ޓީމުގެ އަމިއްލަ ކުޅުންތެރިޔަކަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. އެއީ މި މެޗުން އެމްބާޕޭ ޖެހި ޕެނަލްޓީ ގޯލެވެ.
މި ނަތީއްޖާ އާކު ގްރޫޕްގެ ދެވަނާގައި ނިންމާލަން ޖެހުނު ފްރާންސް ޓީމުން ދެވަނަ ބުރުގައި ކުޅެން ޖެހޭނީ ގްރޫޕް އީގެ ދެވަނާގައި ނިންމާ ޓީމާ ދެކޮޅަށެވެ. ގްރޫޕް އީގައި އޮތީ ބެލްޖިއަމް، ރޮމޭނިއާ އަދި ސްލޮވޭކިއާގެ އިތުރުން ޔުކްރެއިނެވެ.