ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ މަސައްކަތް އަންނަ އަހަރު މެދުތެރެއަށް ނިންމާލެވޭނެކަމަށް ބެލެވޭކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު ވަނީ އިއްޔެ ހަވީރު މި 4،000 ފުލެޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެ ސަރަޙައްދަށް ވަޑައިގެންފައެވެ. އެ ސަރަޙައްދު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ހައިދަރު ވިދާޅުވީ، މާލީ ގޮތުން ސަރުކާރަށް މި ވަގުތު ހުރި ގޮންޖެހުންތަކާއެކު ވެސް މި 4،000 ފްލެޓްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާކަމަށެވެ. ބައެއް ޓަވަރުތަކުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށާއި މި ސްޕީޑުގައި ގޮސް އަންނަ އަހަރުގެ މެދުތެރެއަށް ހުރިހާ ޓަވަރެއްގެ މަސައްކަތް ނިންމާލެވޭނެކަމަށް ހައިދަރު ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ހޯދައިގެން ފެށި މި މަޝްރޫޢު ހެދުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކޭޕީއައިއެލް އަދި އެންބީސީސީއާއެވެ. މިއިން ކޮންމެ ކުންފުންޔަކުން ވެސް ޖުމްލަ 16 ޓަވަރު ނިންމުމުގެ މަސައްކަތް ކުރަމުންދެއެވެ. މި މަސައްކަތް ނިންމުމަށް އިތުރު 454 މިލިއަން ރުފިޔާ ބޭނުންވާކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ މީގެ ކުރިން ޖިނާއީ ތަޙުޤީޤެއް ފަށާފައެވެ. އެކަމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބުރުވަރީ މަހު އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ. ކުރީގެ ސަރުކާރުން ނެރުނު ފްލެޓް ލިސްޓު އޭސީސީގެ ހުއްދައާއެކު އަލުން މިހާރު ރިވިއު ކުރަމުންދާކަމަށް ހައިދަރު ވަނީ އިއްޔެ ނޫސްވެރިންނާ މުހާތިބުކުރައްވާ ވިދާޅުވެފައެވެ. އަދި ފުލެޓް އޭގެ ޙައްޤުވެރިންނަށް ލިބޭ ގޮތަށް ނޫން އެއްވެސް ގޮތަކަށް ނުނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ހައިދަރު ވިދާޅުވީ ފްލެޓުތަކުގެ މަސައްކަތް ނިމެންވާއިރަށް ލިސްޓް މުރާޖާކޮށް ފްލެޓް ލިބޭ މީހުން އިއުލާނު ކުރައްވާނެކަމަށެވެ.