ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އަމަލުކުރަން އޮންނަ އިޖްރައާތު ފުރިހަމަ ނުކޮށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ކޭސްތަކެއް ކަސްޓަމްސްއިން ހޯދައިފިއެވެ.
ކަސްޓަމްސްއިން އިއްޔެ ހާމަކުރި ގޮތުގައި ސިއްރުން ސިގިރޭޓު އެތެރެކުރިކަމުގެ ތުހުމަތު ކުރެވިގެން މި ތަކެތި ހޯދާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރެވުނު ހުޅުމާލޭގެ ހަތަރު ތަނަކުންކަމަށެވެ. އެގޮތުން ހަތަރު ތަނަކުން 173 ކޭސް ސިގިރޭޓު އަތުލައިގެންފައިވާކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މި ތަކެތީގެ އަގު 1.6 މިލިއަން ރުފިޔާއަށް އަރާއިރު، އެ ތަކެތީގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ދިވެހި ރުފިޔާ ދައްކަން ޖެހޭކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި ގޮތަށް މުދާ އެތެރެކޮށް ބޭރުކުރާ މީހުންގެ މައްސަލަތައް ތަޙުޤީޤުކޮށް ކުރިއަށް އޮތް ތަނުގައި ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.