-Advertisement-

-Advertisement-

އެމްއެމްއޭގެ ގަވަރުނަރު ވަކިކުރުމަށް ރައީސަށް ލަފާ ދިނުމަށް ފާސްކޮށްފި

ގަވަރުނަރު އަލީ ހާޝިމް - ފޮޓޯ/މަޖިލިސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ އެރުވުމަށް ފާސްކޮށްފައި ވަނީ އެ ކޮމެޓީގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ފިޔަވައި އެހެން ހުރިހާ މެމްބަރުންގެ ތާއީދާއެކުއެވެ.

އެ ހުށަހެޅުމަށް ތާއީދު ނުކުރައްވަނީ ކޮމެޓީގައި ތިއްބަވާ މެމްބަރުންގެ ތެރެއިން  ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.

ގައުމުގެ އިގުތިސާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރުން އުނދަގޫ ހިސާބަކަށް އިގުތިސާދު ނިކަމެތިވެގެން ދިޔައިރު މަރުކަޒީ ބޭންކު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނުވުމާއި، އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ނުފެންނަ ކަމަށް ވިދާޅުވެ މި މައްސަލަ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ، ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

އެގޮތުން ނާޒިމް ހުށަހެޅުއްވި މައްސަލައިގައި ވަނީ، ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާ ވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރުއަޅުއްވާފައި ވާކަމަށް ފާހަގަ ކުރައްވައިފައެވެ.

އެކަމުގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހުނުކަން ނާޒިމް ވަނީ ފާހަގަ ކުރައްވައިފައެވެ.

މީގެ އިތުރުން ނާޒިމް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން  މިހާރުވެސް ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދަމުން އަންނަ އިރު،  އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުން އެންމެ މުހިއްމު ދަނޑިވަޅުގައި އެކަން ކުރެވިފައި ނުވާކަމަށްވެސް އެ މައްސަލައިގައިވެއެވެ.

މީގެ އިތުރުން ނާޒިމް ހުށަހެޅުއްވި މައްސަލައިގައި ވަނީ، ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ ކަމަށެވެ.

ހަމައެޔާއެކު އެމްއެމްއޭގެ ގާނޫނުން ބަޔާން ކޮށްފައިވާ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ސަރުކާރަށް ލަފާ ދިނުމާއި  އެކަންކަމަށް އަމަލީ މަސައްކަތްތަކެއް އެމްއެމްއޭގެ ގަވަރުނަރު ކުރައްވައިފައި ނުވާކަން ފާހަގަ ކުރައްވައި ނާޒިމް ވަނީ،  މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަންޖެހޭ ނަމަ މިއީ އެކަން ކުރަން ޖެހޭ ވަގުތު ކަމަށް ވާތީ އެމްއެމްއޭ ހިންގުމަށް “ތާޒާ އާރޯ ލީޑާޝިޕެއް” ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-