ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މި ބިލަށް ހުށަހަޅާ ހިޔާލުތައް އީމެއިން މެދުވެރިކޮށް އަދި މަޖިލީހުގެ އިދާރާއިން ވެސް ހަވާލުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހު 2:00އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ފުވައްމުލައް މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުށަހެޅި މި ބިލު އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނުނިމެނީހެވެ. އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީ، އެމްޑީޕީން ވަނީ މި ބިލު ބޭރުކޮށްލާފައެވެ.
ފަހުން އަލީ ފަޒާދު މި ބިލު ހުށަހެޅުއްވި އިރު ބިލަށް އެއްވެސް ބަދަލެއް ގެނެސްފައިވާކަމަކަށް ފާހަގައެއް ނުކުރެވެއެވެ.