ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ނިންމާފައިވާތީ ކައުންސިލްތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ދަތުރުތަކާއި ހަފްލާތަކާއި ކުޅިވަރު މުބާރާތްތައް މިވަގުތު މަޑުޖައްސާލަން ސަރުކާރުން މިއަދު އަންގައިފި އެވެ.
މިއަދު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި އަދި ރަށު ކައުންސިލްތަކަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ފޮނުއްވި ސިޓީއެއްގައި ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މި ވަގުތު އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ރިކަރަންޓް ނުވަތަ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ދަންނަވާ މިނިސްޓަރު ވަނީ މި ވަގުތު ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރަން ކައުންސިލްތަކަށް އަންގައިފައެވެ.
އެގޮތުން އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި:-
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުން.
- މުނާސަބަތުތަކާ ގުޅިގެން ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުން.
- އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މި ދުވަސްވަރު ނުބޭއްވުން.
- ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރަން މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން.
“ރާއްޖޭގެ ދަރަނި އަދާކުރުމަށާއި ރިކަރަންޓް ހަރަދު ކުޑަކުރުމަށް ކައުންސިލްތަކުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ،” ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި އަދި ރަށު ކައުންސިލްތަކަށް ފޮނުއްވި ސިޓީގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރަން އަންގާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ބައެއް އަތޮޅު ކައުންސިލްތަކުން ދުބާއީ އާއި ތުރުކީ އާއި ބެންކޮކް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށް އިއްޔެގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާއިރު، އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން އަދި ބައެއް ހަފްލާތައް ނުބޭއްވުމަށް ވަނީ ނިންމާފައެވެ.