-Advertisement-

-Advertisement-

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަން ޤާނޫނު އަސާސީއަށް އިޞްލާހު ގެންނަނީ

މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒު ވޯޓް ލައްވައިފި. ފޮޓޯ: ދިޔަރެސް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަން ޤާނޫނު އަސާސީއަށް އިޞްލާހު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީ ހަރުގޭގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ  އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމު ރޭވިފައި އޮންނަ ގޮތުން ވަރަށް ގިނަ އިންތިހާބުތައް އޮންނަ ކަމަށާއި އިންތިހާބުތަކަކީ ބާއްވަން ޖެހޭ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް އިންތިހާބުތައް ބާއްވަން ވާނީ ރައްޔިތުންނަށް އެންމެ ފައިދާވާނޭ ގޮތަށް ކަމަށާއި ހަރަދުތައް އެންމެ ދެކޮޅު ޖެހޭ އަދި ޒިންމާދާރު ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަރަދު ކުރުމުގެ ކަންކަމުގައި އަޅުގަނޑުމެން ޒިންމާވާންޖެހޭ ކަމަށާއި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް 120 މިލިއަން ރުފިޔާއަށް ވުރެއް ގިނައިން ހަރަދުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ކުރިން ރިޔާސީ އިންތިހާބުގައި 180 މިލިއަން ދިވެހި ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދެ އިންތިހާބުގެ ދެމެދުގައި އޮތީ ހައެއްކަ މަސް ދުވަހުގެ ތަފާތުކަމުން ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

“މިދެ އިންތިހާބަކީ ހައެއްކަ މަސްދުވަހުގެ ތަފާތެއް އެއް އިންތިހާބާއި އަނެއް އިންތިހާބާއި ދެމެދު އޮންނަ ދެއިންތިހާބު. ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް އޮންނާނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުން”. ރައީސް ވިދާޅުވިއެވެ

އޭރުން އަޅުގަނޑުމެންނަށް ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި އެ 120 މިލިއަން ރުފިޔާއިން ނިކަމެތި އެތަށް އާއިލާގެ ކަންކަން ސަރުކާރަށް ނިންމައިދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-