ދައުލަތުގެ ފައިސާއިން އިސްރާފުކުރުން ހުއްޓާލުމުން ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ ސަލާމަތްވެއްޖެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާ އެކޮމިޝަނުގެ “ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް” ރަސްމީކޮށް އިފުތިތާޙްކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދައުލަތުގެ ފައިސާއިން އިސްރާފުކުރަމުން ދިޔަ ކަންކަން ހުއްޓާލުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ ސަލާމަތްވެއްޖެ ކަމަށެވެ.
ކުރީގެ ސަރުކާރުން އެކި ނަންނަމުގައި ބަދަލު ދިނުމަށް އުފެއްދެވި ސެޓަލްމެންޓް ކޮމެޓީތަކަށް މިލިއަނުން އަދި ބިލިއަނުން ފައިސާ ބަހާފައިވާ ކަމަށާއި ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ އެކަންތައްތައް ހުއްޓުމަކަށް ގެނެސްފައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
“މަޝްރޫއަކަށް އަސްލު ހިންގަންޖެހޭ އަގަށްވުރެ ތިން ގުނަ އިތުރަށް އަގު ދީގެން ދައުލަތުގެ މާލިއްޔަތުން ބޮޑު ހޭދައެއްކުރަމުން ގެންދިޔުމަށް އެމަނިކުފާނު ނޫނެކޭ ބުނެ ހުއްޓުމަކަށް ގެނެސްދެއްވި.” ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ހިންގި އެތައް ކަމެއް ސުމަކަށް ހައްދަވައި، ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން ހަތަރު ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަލާމަތް ކޮށްދެއްވާފައިވާ ކަމަށެވެ.
ކޮރަޕްޝަނާއި ދެކޮޅަށް އޭސީސީން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ރައްޔިތުން ކޮރަޕްޝަނަށް ހޭލުންތެރިކުރުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.