ގއ. ދާންދޫ ކައުންސިލްގެ ތަރައްގީގެ މަޝްރޫއުތަކަށް އެޅިފައިވާ ހުރަސްތަކަށް ހައްލު ހޯދާދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގއ. ދާންދޫގެ ކައުންސިލު މެންބަރުންނާއި ބައްދަލުކުރައްވާ ދާންދޫގެ ތަރައްޤީގެ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ދާންދޫ ކައުންސިލުން ވަނީ އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށާއި ގެދޮރު އިމާރާތްކުރުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް އެދިފައެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށްގެންދިއުމާއި މަޑުޖެހިފައިވާ ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ހޯދައިދިނުމަށްވެސް ނައިބް ރައީސް އަރިހުގައި އެދިފައިވެއެވެ.
މީގެ އިތުރުން، ޞިއްޙީ ޚިދުމަތާ ތަޢުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްޤީކުރަން އަދި ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެންމެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އާއި މަޝްވަރާކުރައްވާފައެވެ.
ދާންދޫ ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަންކަން ފާހަގަކުރައްވާއި ތަރައްޤީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސް ޑރ. މުޢިއްޒު ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، ކައުންސިލުން އަބަދުވެސް ތަރައްޤީގެ ފިކުރުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.