މޫދަށް ކުނި އަޅަމުންދާ މީހުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މޫދަށް ކުނިއެޅުމަކީ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ކަމަށާއި ކައުންސިލްތަކާއި ގުޅިގެން އެފަދަ މީހުން ފާހަގަކޮށް ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ރަށު ކައުންސިލްތަކާ ގުޅިގެން މި މައްސަލަ ވަރަށް ގާތުން ބަލާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެފަދަ މީހުން ކައުންސިލްތަކާއި ގުޅިގެން ދެނެގަނެ އެމީހުންގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.
މޫދަށް ކުނިއަޅާ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށް ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ކަނޑު ދަތުރުކުރާ ބޯޓު ފަހަރުގައި އުފެދޭ ކުންޏަށް އަމަލުކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބުނެދީފައި ވާކަމަށާއި ނަމަވެސް މިހާރު ފެންނަނީ ބޯޓުތަކުގައި އުފެދޭ ކުނި ކަނޑަށާއި ރައްރަށުގެ އަތިރިމައްޗަށް އަޅަމުންދާ މަންޒަރު ކަމަށެވެ.
“އަޅުގަނޑުމެންނަށް މިފެންނަނީ ދޯނި ފަހަރުން ކަނޑަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މަންޒަރު. މީގެ ސަބަބުން ރައްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ އެބަ ކުރިމަތިލާން ޖެހޭ.” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރަށްތަކުގައި އުފެދޭ ކުނި އެންމެ ރަނގަޅު ގޮތުގައި މެނޭޖް ނުކުރެވިގެން އުޅޭއިރު ގޮނޑުދޮށަށް ކުނި ލެއްގުމުން އެ ލައްގާ ކުންޏަށް ވެސް ރައްޔިތުން ޒިންމާވާން ޖެހޭ ކަމަށާއި މިއީ ކައުންސިލްތަކުގެ ފަރާތުން މިހާރު ވަރަށް ގިނައިން އަންނަ ޝަކުވާއެއްކަމަށް ވެސް ވަޒީރު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.