ރާއްޖެއާއި އެމެރިކާއާ ދެމެދު ގާއިމްކުރުމަށް ރާވަމުން އަންނަ ވިޔަފާރި އެއްބަސްވުމުގެ 3 ވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފި.
މި ބައްދަލުވުމުގައި ރާއްޖެއަށް އެހީ ބޭނުންވާ ދާއިރާތައް ހުށަހަޅައި އެ ކަމުގެ މަޝްވަރާކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނާ ގޮތުން ދެ ޤައުމުން މަޝްވަރާ ކުރީ މަސްވެރިންގެ ޙައްޤުތަކާއި ޑިޖިޓަލް ވިޔަފާރީގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި ރާއްޖެއަށް އެއްބާރުލުން ދިނުމަށްކަމަށެވެ. މީގެ އިތުރުން މި ސަރުކާރުގެ އިޤްތިޞާދީ ތަސައްވުރު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ އެ ބައްދަލުވުމުގައި ހުށަހަޅުއްވާފައިކަމަށާއި އެ ކަމަށް އެމެރިކާ ސަރުކާރުގެ އެއްބާރުލުން ދިނުމަށް އެދިލެއްވިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް މިނިސްޓަރު ވަނީ ގްލޯބަލް ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންތަކުގެ ފައިދާ ހޯދުމަށް ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނާއި ވިޔަފާރިވެރިންނަށް ދޭ އެހީއަށް އަލިއަޅުއްވާލައްވާފައެވެ.
ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ އެގްރީމަންޓް އޮން ޓްރޭޑް ފެސިލިޓޭޝަންގެ ދަށުން ރާއްޖެއަށް ވެފައިވާ ވައުދުތަކުގެ އަޣުލަބިއްޔަތު ތަންފީޒު ކުރުމުން ޔޫއެސްޓީއާރުން ވަނީ އެމެރިކާ ހިމެނޭ ގޮތަށް ޑޯނަރުންނާއެކު މަސައްކަތް ކުރުމަށް ހިތްވަރު ދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ސައީދު އެމެރިކާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ. މިނިސްޓަރ ސައީދުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރިއާއި އިންވެސްޓުމަންޓުގެ ގުޅުން ފުޅާކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.