މުހައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ މާތް ދުވަހެއްކަމަށް އިއްޔެގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ވަނީ ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމް މަސް ކަން ފާހަކޮށް، އެމަހުގެ މާތްކަމާއި ޝަރަފުވެރިކަން ބާޔާންކޮށްފައެވެ.
“އާޝޫރާ ދުވަހުގެ މާތްކަން” މި މައުޟޫއަށް އިއްޔެ ހުތުބާގައި ބުނީ، އާޝޫރާ ދުވަހަކީ ފިރުއައުނާއި އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވި ދުވަސްކަމަށެވެ. މި ހާދިސާއަށް އަލިއަޅުވާލާ ހުތުބާގައި ބުނީ، ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި މިސްރުން ނުކުތުމުން، ފިރުއައުނު އޭނާގެ ލަޝްކަރު އެއްކޮށް، މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމު މުޅިން ނައްތާލުމަށް ނުކުތްކަމަށެވެ.
ފިރުއައުނުގެ ލަޝްކަރު ބަނީ އިސްރާއީލުގެ މީހުންނާ ކައިރިވުމުން މާތްﷲ، މޫސާގެފާނަން ވަހީކުރެއްވީ އެކަލޭގެފާނުގެ އަސާކޮޅު ކަނޑުގައި ޖެއްސެވުމަކަމަށް ހުތުބާގައި ބުންޏެވެ. އެހިނދު މޫސާގެފާނު އެކަލޭގެފަނުގެ އަސާކޮޅު ކަނޑުގައި ޖެއްސެވުމުން އެ ކަނޑުގެ މެދުން މަގުތަކެއް އުފެދުނުކަމަށް ޚުތުބާގައި ބުންޏެވެ.
“މާތްﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީ އިސްރާއީލު ބާގައިގެ ބާރަ ގަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ހާއްސަ ކުރެވިގެންވާ މަގުން ކަނޑު ކުރަސްކޮށް ސީނާއަށް ދިޔައެވެ. ފިރުއައުނު އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް އެ މަގުން ފިރުއައުނުގެ ލަޝްކަރު ދަތުރުކުރާން ފެށިތަނާ ކުޑަ ހިނދުކޮޅެއްގެތެރޭގައި އެ ކަނޑު ކުރިން އޮތް ގޮތަށް މާތްﷲ ބަދަލުކުރެއްވިއެވެ،” ޚުތުބާގައި ބުންޏެވެ.
ހުތުބާގައިވަނީ ފިރުއައުނު ޣަރަގުކުރެއްވި ހާދިސާއިން އެނގެނީ މާތް ﷲއަށް ކާފިރުވެ ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް މާތް ﷲ ގަދަފަދަ އަޒާބު ދެއްވާނެކަންކަމަށާއި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވަންޖެހޭނެކަންކަމަށެވެ. އީމާންވާ މީހުންނަށް އާހިރުގައި ކާމިޔާބު ލިބޭނެކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
މިފަދަ ހާދިސާތަކުގައި ގިނަގުނަ އިބުރަތްތަކަކާއި ދަރުސްތަކެއް ވާކަމަށް ޚުތުބާގައި ބުންޏެވެ. އޭގެތެރެއިން އެންމެ މުހިންމު ފިލާވަޅަކީ، ﷲއެކަލާންގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާންގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުސީބާތްތަކުން ސަލާމަތް ކުރައްވާގޮތް އެނގި، އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމެވެ.