-Advertisement-

-Advertisement-

ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން އެދިއްޖެ

އިންޑިއާގެ ކެރެލާގެ ހޮސްޕިޓަލެއް.

އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ “ބްރެއިން އީޓިން އެމީބާ އިންފެކްޝަން” ފެތުރެމުންދާތީ އެ ސްޓޭޓުގައި ދިރިއުޅޭ ދިވެހީންނާއި ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން އިލްތިމާސްކޮށްފިއެވެ.

ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން މި ބައްޔަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާކަމަށް ކެރެލާ ސްޓޭޓުގެ ވެރިރަށް ޓްރިވަންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބްރެއިން އީޓިން އެމީބާ ބައްޔަކީ ކަންފަތް ނުވަތަ ނޭފަތުން ހަށިގަނޑުގެ އެތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރު ފަދަ ތަންތަނަށް މި ދުވަސްވަރު ނޭރުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސްވިމިން ޕޫލަށް އެރޭ ނަމަ ކަންފަތާއި ނޭފަތަށް ފެން ނުވަންނަ ގޮތަށް ކަންފަތު އުނގުރި ޖަހައި ‘ނޭސަލް ކްލިޕް’ ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް ކޮންސިއުލޭޓުން ވަނީ އެދިފައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން އަދި ހޮޑުލެވުން ހިމެނެއެވެ. މީގެ އިތުރުން ކަނދުރާއަށް ނާރު އެރުން، ވާނުވާ ނޭގުން އަދި ފިޓް ޖެހުމަކީ ވެސް ބަލީގެ އަލާމާތެކެވެ. އެ ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާގެ މީޑިއާތަކުން ހާމަކުރި ގޮތުގައި ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކެރެލާއިން އެ ބަލީގެ 5 ކޭސް ވަނީ ފެނިފައެވެ. މި ބަލި ޖެހިގެން މުޅިންހެން ވެސް ރިޕޯޓްކޮށްފައިވަނީ 14 އަހަރުން ދަށުގެ ކުދިންނެވެ. އޭގެ ތެރެއިން 3 ކުއްޖަކު މަރުވެފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-