ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭނެ އެކޮމަޑޭޝަން ފެސިލިޓީތައް ހަދަން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރަން އެއްބަސްވުމެއް ހަދަން ނިންމާފައިވާކަމަށާއި އޭގެ ސަބަބުން ބިދޭސީން ދިރިއުޅޭ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކުރެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެ މަސައްކަތަށް ޝަޢުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ފޮނުވާފައިވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ އަލްޓައިޒް ޑިޖިޓަލް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ހުށައަޅާފައިވަނީ ބިދޭސީންނަށް އެއްތަނަކުން ހުރިހާ ޚިދުމަތްތަކެއް ލިބޭގޮތަށް އެކޮމޮޑޭޝަންތަކެއް އެޅުމަށެވެ. އެ ޕްރޮޕޯސަލް މި އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ލިބުނު އިރު، އިކޮނޮމިކް މިނިސްޓްރީގެ އިންވެސްޓް މޯލްޑިވްސްއިން ވަނީ ޕްރޮޕޯސަލް އިވޭލުއޭޓް ކޮށްފައެވެ.
އިކޮނޮމިކް ކައުންސިލުން މިހާރު ވަނީ ޕްރޮޕޯސަލަށް އެއްބަސްވެ، ފައިނަލް އެއްބަސްވުމުގައި ހިމަނަން ބޭނުންވާ ޝަރުތުތައް ފޮނުވަން އެ ކުންފުންޏަށް އަންގައިފައެވެ. ނަމަވެސް މިހާތަނަށް އައި އިރު އެއްވެސް އެއްޗެއްގައި ރަސްމީކޮށް ސޮއިކޮށްފައިވާކަމަށް އެ ކައުންސިލުން ހާމައެއްނުކުރެއެވެ.
އަލްޓައިޒް ޑިޖިޓަލް ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ މާލެ ސަރަހައްދުގައި އެއް ލައްކަ ބިދޭސީންނަށް ތިބެވޭނެ ޖާގައިގެ އެކޮމަޑޭޝަން ފެސިލިޓީތައް އަޅާށެވެ.
ވަޒީރު ވިދާޅުވީ ބިދޭސީން ބައިތިއްބުމަށް މަހަކު 120 ޑޮލަރު ދެއްކުމަކީ ބޮޑު އަދަދެއް ނޫންކަމަށާއި މިހާރުވެސް ރާއްޖޭގައި އުޅޭ ބިދޭސީން ހުރުމާއި ކެއުމަށް އެމީހުން ގެންގުޅޭ ފަރާތްތަކުން 1500 އާއި 2000 އާ ދެމެދުގެ ރުފިޔާ ބިދޭސީންނަށް ދޭ ކަމަށެވެ. އަދި ކުންފުންޏާއެކު ބޭއްވުނު ބައްދަލުވުންތަކުން މަހަކު ދައްކަންޖެހޭ 120 ޑޮލަރު، 100 ޑޮލަރަށް ތިރިކުރެވިފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އެކޮމަޑޭޝަން ފެސިލިޓީގައި ބިދޭސީންނަށް ބޭނުންވާ ފިހާރަތަކާއި އެހެން ވެސް ހިދުމަތް ލިބޭ ތަންތަން ވެސް ގާއިމް ކުރަން ހުށަހަޅާފައިވެއެވެ. އަދި ސަލާމަތީ ކަންކަން ބެލުމަށް އެ ތަނެއްގައި އުޅޭ ބިދޭސީންގެ ޑޭޓާތައް ހިމަނައިގެން ސިސްޓަމެއް ވެސް ގާއިމް ކުރަން ހުށަހެޅުމުގައި ވެއެވެ.
މި މަސައްކަތާ ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ތިން ގޮތަކަށް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެއް ގޮތަކީ ބިދޭސީ މަސައްކަތްތެރިން ރެކްރޫޓުމަންޓާއި ވިސާ ދޫކުރުން ހަރުދަނާކުރުމެވެ. ދެވަނަ ކަމަކަށް ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ވެލްފެއަރ ކަންކަން ރަނގަޅަށް ބެލެހެއްޓުމާއި ބިދޭސީންގެ މާހައުލުގެ ފެންވަރު ރަނގަޅުކުރުމެވެ. އަދި ތިންވަނަ ކަމަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ވިސާއާއި ޚިލާފްވާ މީހުންނަށް ފިޔަވަޅު އެޅުމެވެ.
ފެސިލިޓީތައް އަޅަން ނިންމާފައިވަނީ ހުޅުމާލެ އާއި މާލެ އަދި ތިލަފުށީގައެވެ. އަލްޓައިޒްއިން ހުށަހަޅާފައި ވަނީ ބިދޭސީ މަސައްކަތްތެރިން މަސައްކަތަށް ދެވޭނެ ގޮތަށް ބަހުގެ ހިދުމަތް ވެސް ފަށާށެވެ.