-Advertisement-

-Advertisement-

މިއީ ބައްޔަކަށް ޝިފާ ލިބެން އޮތީ ހިތި ބޭހެއް ބޮއެގެން ނަމަ އެވެސް ބޯންވީ ވަގުތު: އާރިފް

ހަރުގެ ޖަލްސާގައި އާރިފް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ހިރާސް

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި މީހަކު ބައްޔެއް ވުމުން އެ ބައްޔަށް ޝިފާއެއް އޮތީ ހިތި ބޭހެއް ބޮއެގެން ކަމަށްވާނަމަ މިއީ އެ ހިތި ބޭސްވެސް ބޯންވީ ވަގުތު ކަމުގައި  ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އާރިފް ވިދާޅުވީ ޚަރަދުތައް ކުޑަކޮށް މި ދަނޑިވަޅުން ސަލާމަތްވުމަށްޓަކައި ރައްޔިތުން މި ދުވަސްކޮޅު ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަންޖެހޭ ކަމަށެވެ.

އެގޮތުން މި ހާލަތުން އަރައިގަތުމަށްޓަކައި މި ސަރުކާރަށް ވެސް ފައިސާ ޗާޕު ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ޒިންމާދާރުވެރިން ކުރާނެ ކަހަލަ ކަމެއް ނޫންކަން ފާހަގަ ކުރައްވައި އާރިފް ވިދާޅުވީ، އިޚްލާސްތެރި ވެރިން ކިތަންމެ އުނދަގޫވި ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަނީ އެކަން ކަމަށެވެ.

މީގެ އިތުރުން މިއީ ދަތި ދުވަސްކޮޅެއް ނަމަވެސް ރާއްޖެ ބަނގުރޫޓެއް ނުވާ ކަމަށާއި ރާއްޖޭގެ ކުރިމަގު ފެންނަނީ ވަރަށް ފާގަތިކޮށް ކަމަށްވެސް އާރިފް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އަބަދު  ޓޭކްއަވޭ ހަދައިގެން ގޭގައި ކެއި ކެއުން ހުއްޓާލައި ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން އާދައިގެ ދިރިއުޅުމަކަށް ތިރިވެލުމަށް އާރިފް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ހަމައެޔާއެކު، މާލީ ހާލަތާއި ގުޅިގެން ދުވަސްވީ މީހުންނަށްދޭ އިނާޔަތްތަކާއި، ކިޔަވާ ކުދިންނަނަށްދޭ އިނާޔަތްތަކާއި އެކަނިވެރި މައިންނަށްދޭ އިނާޔަތްތައް ކަނޑާނުލާކަން ފާހަގަ ކުރައްވައި އާރިފް ވަނީ  އެ އިނާޔަތްތައް ކަނޑާލަން އުޅޭ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދޮގުކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-