ފުލުހުންގެ ބެލުމުގެ ދަށުން ޑްރަގް ކޯޓަށް ގެންދަން މަސައްކަތް ކުރި މީހަކު، ފިލަން އުޅުމުގެ ތެރޭގައި މާލޭގެ ގެއެއްގެ ފުރާޅު މަތިން ވެއްޓި ހާލު ސީރިއަސް ވެއްޖެއެވެ.
ފުރާޅު މަތިން ވެއްޓި އެ މީހާގެ ބޮލަށާއި މައިބަދައަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ފުލުހުން ވަނީ އޭނާ ކަސްޓޯޑިއަލަށް ގެންގޮސްފައެވެ. އޭނާގެ ހާލު ސީއިރަސްކަން އެނގުނީ ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗަށް ގެންދިއުމުންކަމަށާއި، ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އޭނާގެ އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެއީ ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު އެ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެއްކަމަށެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙްމަދު ޝިފާން ވިދާޅުވީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް މިއަދުގެ 1 ޖަހާއިރަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި އަނިޔާވި 38 އަހަރުގެ ފިރިހެން މީހާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންކަމަށެވެ.
މީގެ އިތުރުން ޝިފާން ވިދާޅުވީ ހާދިސާގައި ފުލުހުން އަމަލުކުރި ގޮތާ މެދު ގައިދީގެ އާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ކަން ބަލަން ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި އެޗްއާރުސީއެމްގައި ވެސް އެދިފައިވާނެކަމަށް ޝިފާން ވިދާޅުވިއެވެ.