އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަޙުޤީޤީ މަރުހަލާތަކަށް ބޭނުންވާ މައުލޫމާތު ބޭންކުތަކުން ލިބުމުގައި ދަތިތަކެއް އުޅޭކަމަށާއި، މި މައްސަލަ ހައްލުކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޒިންމާ ކުޑަކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލަމުން އަންނަކަމަށެވެ. އަދި އެ މައްސަލައިގައި އިތުރަށް ޝައްކު ކުރެވޭ މީހުންނާއި އެ މީހުން މާލީ މަންފާ ހޯދި ގޮތްތައް ބެލެމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝާމިލް ވިދާޅުވިއެވެ.
“ނުހައްގު މުއްސަނދިކަން ލިބިގަނެފައި އޮތް ގޮތް އަޅުގަނޑުމެންނަށް ދެނެގަނެވޭނީ އެ މައްސަލަތަކުގައި ހިމެނޭ ބޭފުޅުންގެ ނެޓްވޯތު އެނެލިސިސްތައް ހެދިގެން، އެ ބޭފުޅުންގެ ބޭންކް ޓްރާންސެކްޝަންތައް ހިންގާފައި ހުރި ގޮތުގެ ޓްރާންސެކްޝަން އެނެލިސިސް ހެދިގެން، އެ ބޭފުޅުން މާލީ މަންފާ ލިބިފައި ހުރި ގޮތުގެ އެނެލިސިސް ހެދިގެން،” ޝާމިލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ފަދަ ބޮޑެތި ތަޙުޤީޤީ މަރުހަލާތަކަށް ބޭންކުތަކުން މައުލޫމާތު ލިބުން ދަތިވުމަކީ ދިމާވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޝާމިލް ވަނީ ސިފަކުރައްވާފައެވެ. އަދި އެމްއެމްއޭގައި ޒަމާނާ ގުޅޭ ގާނޫނީ އޮނިގަނޑާ އެއްގޮތް ގަވައިދުތަކެއް ހެދިފައި ނުވާކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.
“އެމްއެމްއޭއިން އެ ބޭފުޅުންގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހައްދަވަން ޖެހޭ ގަވައިދުތައް، އެންމެ ފުރިހަމައަށް މި ޒަމާނަށް ފެތޭ ގޮތަށް ނުހެއްދެވި ހުރީމާ އެމްއެމްއޭއިން އެ އަދާކުރަންޖެހޭ ޒިންމާ، އެ ހަމަ ރަނގަޅަށް ބަލަން ޖެހޭ އަޅުގަނޑުމެން އެބަ. އެމްއެމްޕީއާރުސީގެ މައްސަލައިން ފެށިގެން މިއަދާ ހަމައަށް ކަންކަން ހިނގާފައި ހުރި ކަންކަން ބަލަން އެބަ ޖެހޭ،” ޝާމިލް ވިދާޅުވިއެވެ.
“އެމްއެމްޕީއާރުސީ ކޭސްއިން ފެށިގެން މިއަދާ ހަމައަށް ކަންކަން ހިނގާފައި އެހެރި ގޮތަށް ބަލައި އެ މުޅި ބޭންކިން ނިޒާމު ދިވެހިރާއްޖޭގައި ފެސިލިޓޭޓްކޮށް އޭތި ބެލެހެއްޓޭނެ މައިގަނޑު ބަލަހައްޓަމުން އެދަނީ އެންމެ ފުރިހަމަ ގޮތުގައިތޯ ޖެހޭ އަޅުގަނޑުމެން ބަލަން، ބަލައިގެން ނޫނީ އަޅުގަނޑުމެން ދެން މައްސަލައެއް ދިމާވީމަ ތަޙުޤީޤުކުރަން އޮތް އިދާރާތައް މޯލްޑިވްސް ޕޮލިސް ސާވިސްކަމަށް ވިޔަސް އޭސީސީކަމަށް ވިޔަސް އެ ހުރިހާ މައުލޫމާތެއް ނުލިބޭ ކަމަށްވަންޏާ އެއީ ވަރަށް ބޮޑު މައްސައެއް.” ޝާމިލް އިތުރަށް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ ބޭންކުތަކުން މައުލޫމާތު ހޯދަން ދަތިވާތީ އެ މައްސަލަ އެތައް ފަހަރަކު ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކޮށްފައިވާނެކަމަށެވެ. އެ ކަމަށް ހައްލެއް ލިބުމުން އޭސީސީގެ ތަޙުޤީޤުތައް އަވަސްވެގެންދާނެކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.
އެމްއެމްއޭއާ ދެކޮޅަށް ގިނަ ތުހުމަތުތަކެއް ފެންމަތިވެފައިވާ އިރު، އެ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. އެހެންކަމުން ހާޝިމް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން އަންނަނީ މަސައްކަތްކުރަމުންނެވެ. ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް ގަވަރުނަރު ހާޒިރުކުރަން އެ ކޮމިޓީގައި އެޖެންޑާކޮށްފައިވެއެވެ. ނަމަވެސް އެ ކޮމިޓީ ވަނީ ކެންސަލްވެފައެވެ.