ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލު ނުކުރުމަށް އެދި ހުށަހަޅައިފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު ވަޑައިނުގެންނެވުމުން، ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފިއެވެ.
އެ ބައްދަލުވުން ތާވަލު ކޮށްފައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމަށެވެ.
ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު، ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވީ، ހައުސިން މިނިސްޓްރީގެ އިސްވެރިންނަށް ކޮމިޓީއަށް ހާޒިރުވެވެން ނެތްކަމަށް އިއްޔެގެ ހެނދުނު 11:00 ގައި އަންގާފައިވާކާމަށެވެ. އެއީ ބައްދަލުވުން ފަށަން ތާވަލު ކުރި ގަޑި ވެސް މެއެވެ. އެހެންކަމުން އެހެން ދުވަހަކަށް އެ ބައްދަލުވުން ތާވަލުކުރަން މުގައްރިރު ހުށަހެޅުއްވިއެވެ.
ފްލެޓް ލިބޭނެކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ކުރުމާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދި ސުވާލު އުފައްދަން ފެށީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލައެއް ހުށަހެޅީމައެވެ. އޭސީސީން ވަނީ މި މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ވެސް ފަށާފައެވެ. އެ ތަޙުޤީޤުން ޝަރުތުހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމްތަކުގެ ލިސްޓެއް އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ފޮނުވިއެވެ.
ހައުސިން މިނިސްޓްރީގެ އިސްވެރިންނަށް ކޮމިޓީއަށް ހާޒިރުނުވުމަކީ މަޖިލީހަށް އިހުތިރާމު ކުޑަ ކުރުމުގެ އަމަލެއްގެ ގޮތުގައި ބައެއް މެންބަރުން ސިފަކުރެއްވިއެވެ.