ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް “އިމިގްރޭޝަން ވޮޗް” ތައާރަފް ކޮށްފިއެވެ.
މިއަދު މޯލްޑިވްސް އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހިދުމަތް ތައާރަފް ކޮށްދެއްވާފައިވަނީ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދެވެ.
ޝަމްއާން ވިދާޅުވީ މި ޚިދުމަތަކީ އާންމުންނަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ފަދަ ޕްލެޓްފޯމެއް ކަމަށާއި ބިދޭސީން ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކަށް އާންމުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ގިނަ ބިދޭސީންނާއި ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާ ފަދަ އެކި ޕްލެޓްފޯމްތަކުގައި މީހުން ހިއްސާ ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ހިދުމަތެއް ތައާރަފް ކުރުމުގެ ސަބަބުން އެންމެންނަށްވެސް އެއް ޕްލެޓްފޯމެއްގެ ދަށުން މައްސަލަތައް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަދަ ހިދުމަތެއް ތައާރަފް ކުރުމުގެ މަގުސަދަކީ މުޖުތަމައުގެ ރައްކާތެރިކަން އިތުރުކޮށް ގަވާއިދާއި ޚިލާފަށް އުޅޭ މބިދޭސީންގެ މައްސަލަ އާއި އޮޅުވާލާއގެން ރާއްޖެ އެތެރެ ވާން އުޅޭ ބިދޭސީން ދެނެގަނެ، އިމިގްރޭޝަން އާއި ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓްކުރުމުގައި މިހާރަށް ވުރެއް ލުއިފަސޭހަ ގޮތެއް ދެމެހެއްޓުން ކަމަށެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި “އިމިގްރޭޝަން ވޮޗް” ގެ ޒަރިއްޔާއިން ރިޕޯޓްކުރާ މީހުންގެ މައުލޫމާތު ސިއްރު ކުރެވޭނެ ކަމަށެވެ.
ނުގަވާއިދުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތަށް މިހިދުމަތް މެދުވެރިކޮށް އާންމުންނަށް އަގުހުރި މައުލޫމާތުތަކެއް ހިއްސާކޮށްގެން ބޮޑެތި ކުށްތައް ހުއްޓުވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
“އިމިގްރޭޝަން ވޮޗް” ގެ ހިދުމަތަކީ 24 ގަނޑިއިރު އޮންލައިންކޮށް imuga.immigration.gov.mv މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެގޮތުން މިވެބްސައިޓަށް ވަޑައިގެން “އިމިގްރޭޝަން ވޮޗް” ޚިޔާރުކުރެއްވުމަށްފަހު، މައްސަލައިގެ ތަފްސީލާއެކު ފޮޓޯ ވެސް މި ޕްލެޓްފޯމަށް ހުށައެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.