ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބޭ ވީއައިޕީގެ ހިދުމަތް ބޭނުން ކުރެވޭނީ މެންބަރުންގެ އިތުރުން މެންބަރުންގެ އާއިލާގެ މެންބަރުންނަށް އެކަނިކަމަށް މަޖިލީހުގެ އާންމު ކޮމިޓީން ރޭ ފާސްކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މެންބަރުންނާއެކު ދާ އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އިއްޔެ މެންދުރު މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމުމެއް ނިންމާފައެވެ. ނަމަވެސް އެ ބިލު ރޭ 9:00 ގައި މަޖިލީހުން ވަނީ އަނބުރާ ގެންގޮސްފައެވެ.
އާންމު ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ކުއްލި ބައްދަލުވުމެއް ބާއްވައި އެ ނިންމުން މުރާޖާ ކުރަން ޖެހުނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ލަފާފުޅުގެ މަތިންކަމަށެވެ. އަބްދުއްރަހީމް އެފަދައިން ލަފާ އެރުއްވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހުރި ގޮތުންކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
19 ވަނަ މަޖިލީހުގެ ކުރިން ލައުންޖް ބޭނުން ކުރުމުގައި މެމްބަރުންނަށް ލިމިޓްތަކެއް ނޯވެއެވެ. ނަމަވެސް 19 ވަނަ މަޖިލީހުގެ ކުރީ ކޮޅު ވަނީ ކައިވެނިބައްލަވައިގެން އުޅުއްވާ ފަރާތުގެ އިތުރުން ދަރިންނާއި މައިންބަފައިންނަށް އެކަނި ހިދުމަތް ދެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައެވެ. މި ނިންމުން މަޖިލީހުގެ 19 ވަނަ ދައުރު ނިމުމުގެ ކުރިން އިސްލާހު ކުރިކަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މެމްބަރުންގެ އާއިލާގެ އިތުރުން ދެ ރައްޓެހިންނަށް ވެސް ވީއައިޕީ ލައުންޖްގެ ހިދުމަތް ބޭނުން ކުރެވޭ ގޮތަށް ފަހުން ފާސްކުރިކަން ފާހަގަކޮށްލެވެއެވެ.