އައްޑޫގައި ހިންގާ ޕޮލިސް ކޮލެޖުން ތަމްރީން ހަދަމުން ދިޔަ ގިނަ އަދަދެއްގެ ފުލުހުން ކާނާ ވިހަވި ހާދިސާގައި ދެ ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު އެހެން ދަރިވަރުން ފަރުވާއަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، އައިސީޔޫގައި މިހާރު ދެ ފދަރިވަރަކަށް ފަރުވާދެމުން އަންނަ ކަމަށާއި، އޭގެ ތެރެއިން އެއް ފަރާތުގެ ހާލު ސީރިއަސްކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބޭސިކް ޓްރެއިނިން ފަށާ ބެޗުގެ ދަރިވަރުންތައް ކާނާ ވިހަވި ހާދިސާގައި 32 ދަރިވަރަކަށް އެޑްމިޓްކޮށްގެން ފަރުވާ ދިނެވެ.
އެދަރިވަރުންނަށް ފަރުވާ ދިނުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކަށް ރޭގައި އައިސީޔޫގައި ވެސް ފަރުވާ ދިނެވެ.
ޕޮލިސް ކޮލެޖުގައި ކޭޓަރިންގެ ހިދުމަތް ދެނީ ބެސްޓް ސިލެކްޝަން ކިޔާ ކުންފުންޏަކުންނެވެ.
ފުލުހުން އަންނަނީ އެކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް އިތުރަށް ބަލަމުންނެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމުކުރި ޕޮލިސް ކޮލެޖު ރަސްމީކޮށް ހުޅުވީ މާޗު 27، 2022ގައެވެ. ފުލުހުންގެ އަސާސީ ތަމްރީނުގެ އިތުރުން، ޚާއްސަ ތަފާތު ތަމްރީނު ކޯސްތައް އެ ކޮލެޖުގައި ހިންގައެވެ.