ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރައްވައިފިއެވެ.
ރައީސް އެ ކަން ހިއްސާކުރެއްވީ، “ނާރެސް” ޕޯޓަލް އިފްތިތާޙްކުރުމަށާއި، އޮޕަރޭޝަން “ކުރަނގި” ފޭސް 2 ފެށުމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“އަދަދަކުން ވާކަމެއްނޫން މިއީކީއެއް. ޚިދުމަތް ދެވޭގޮތަށް ފުރިހަމަ ކުރަން މި ޖެހެނީ. ޚިދުމަތް ދިނުމުގައި ދެވޭގޮތް އިޚްލާސްތެރިވާންވީ. ޚިދުމަތް ދިނުމުގައި ތެދުވެރިވާން މި ޖެހެނީ. ހީވާގިވާން މި ޖެހެނީ. އެ ކަން ކުރާކަށް ބައިބޯކުރާކަށްނުޖެހޭ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކައުންސިލުތަކަށް އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު ވަކި ހަމައެއްގައި ހިފަހައްޓަން ސަރުކާރުން ގެންނަން ވިސްނަމުން އަންނަ ބަދަލުތަކުގެ ތެރެއިން، ގެނެވިދާނެ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ހިއްސާކުރައްވާފައެވެ. އެއީ:
- ތިން ހާހަށްވުރެ މީހުން ގިނަ ނޫން އާބާދީތަކަށް 3 ކައުންސިލަރުން.
- ތިން ހާހާ ދިހަހާހާ ދެމެދު އާބާދީއެއްނަމަ 5 ކައުންސިލަރުން
- ސިޓީތަކަށް މިހާރަށްވުރެ ކައުންސިލަރުންގެ ޢަދަދު ގިނަ ނުވާނެހެން އައު ފޯމިއުލާއެއް އެކުލަވާލުން
ތިން ހާހަށްވުރެ މީހުން ގިނަ ނޫން އާބާދީތަކަށް ކަނޑައަޅާ ކައުންސިލަރުންގެ ތެރޭގައި ހިމެނޭނީ އަންހެނުންގެ ފަރާތުން އިންތިޚާބުކުރާ އަންހެނުންގެ ރައީސާއަކާއި ޒުވާނުންގެ ފަރާތުން އިންތިޚާބުކުރާ ކައުންސިލްގެ ރައީސަކާއި ނައިބު ރައީސެކެވެ.
ރައީސް ވިދާޅުވީ އެ ކަންކަމާމެދު ފަންނީ ދިރާސާތައް މިހާރު ވެސް ކުރެވެމުން އަންނަކަމަށެވެ. އަދި މި ކަންކަން ނިންމާނީ އެ ދިރާސާތަކުގެ ނަތީޖާއަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިމަތިވުމުގެ ކުރިން މި ބަދަލުތައް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.