-Advertisement-

-Advertisement-

ޑީޖޭއޭގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުން ޖޫރިމަނާކޮށްފި

ކްރިމިނަލް ކޯޓް - ފޮޓޯ/ ރާއްޖެއެމްވީ

ޑީޖޭއޭގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަން ސާބިތުވުމުން (ޑީޖޭއޭ)ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ކުރިން ހުރި ހައިލަމް މުހައްމަދު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

މިމައްސަލާގައި ދައުލަތުން ވަނީ ހައިލަމް ގެ މައްޗަށް ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ 3 ދައުވާއެއް އުފުލާފައެވެ. އެގޮތުން 2019 ވަނަ އަހަރު ޑީޖޭއޭއަށް ބައެއް ތަކެއްޗާއި ހިދުމަތްތައް ހޯދުމުގައި ހައިލަމް އާއި ގުޅުން އޮންނަ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައި، އެތަނުން އެއް ކުންފުންޏަކާ ހަވާލު ކުރުމުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދި ކަމަށް ދައުވާގައި ބުނެފައިވެއެވެ.

މިމައްސަލާގެ ޝަރީޢަތުގެ މަޖިލީހުގައި ހައިލަމް ވަނީ ކުށަށް އިއުތިރާފްވެފައި އެވެ.

ކްރިމިނަލް ކޯޓުން މިއަދު މިމައްސަލާގައި ހައިލަމްގެ މައްޗަށް ޙުކުމްކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ހުރެ، ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަން ސާބިތުވުމުން، މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކޮށް އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންށެވެ.

ހައިލަމްގެ މައްޗަށް ޙުކުމް ކަނޑައަޅުއްވަމުން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި 56،200ރ. ގެ ޖޫރިމަނާގެ އަދަބެއް ކަނޑައަޅުއްވަފައެވެ.

ހައިލަމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ކޯޓުން އަދަބު ކަނޑައަޅާފައިވަނީ ވަކިވަކިން ނެވެ. އެގޮތުން ޖުމްލަ 120 ގަޑިއިރު މުޖުތައުއަށް ހިދުމަތް ކުރުމާއި 82،200 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 241،244 ރުފިޔާ ދައްކަން ވެސް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

މިއާއެކު ޖުމްލަ ހައިލަމްގެ މައްޗަށް 379،644 ރުފިޔާ ދައުލަތަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-