އެމްޑީޕީގެ އެކި އެކި ރަށްރަށާއި ދާއިރާތަކުން ހުސްވެފައިވާ ނައިބު ރައީސުންގެ މަޤާމަށް ވޯޓަކައި ނުލައި 34 ފަރާތެއް އިންތިޚާބު ވެއްޖެއެވެ.
އެޕާޓިން ކުރި އިއުލާނުގައި ވާގޮތުން އެމްޑީޕީގެ އެކި ދާއިރާތަކާއި ރަށްރަށުގެ ހުސްވެފައިވާ ނައިބުންގެ މަޤާމްތަކަށް ވޯޓަކާއި ނުލައި ޖުމުލަ 34 ފަރާތެއް ވަނީހޮވިފައެވެ. އަދި އެ ޕާޓިން ވަނީ އެ ހޮވުނު ފަރާތްތަކުގެ ނަންތައްވެސް އިއުލާނުކޮށްފައެވެ.
އެގޮތުން ވޯޓަކާއި ނުލައި ނައިބުންނަށް ހޮވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، 23 ރަށެއްގެ ނައިބު ރައީސުންނާއި ހަތް ދާއިރާއެއްގެ ނައިބު ރައީސުން އަދި ހަތަރު ސިޓީއެއްގެ ނައިބު ރައީސުންނެވެ.
އަންނަ އޯގަސްޓް 2 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބު ކުރާނެއެވެ. އެ އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާ އިރު، މީސް މީޑިއާ އާއި އެ ނޫން ގޮތް ގޮތަށް ވަރުގަދަ ކެމްޕެއިންތަކެއް މިހާރު ވެސް ކުރިއަށް އެބަދެއެވެ.
އެމްޑީފީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ޕާޓީގެ މަގުޗާޓަށް ހިޔާލު ހޯދަން ޕާޓީގެ ލީޑަޝިޕުން ވަނީ ރަށް ރަށަށް ދަތުރު ކުރައްވަން ފައްޓަވައިފައެވެ. އެގޮތުން އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އޭގެ ފަހުގައި ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅަށް އެ ބޭފުޅުން ވަޑައިގެންނެވިއެވެ.