ޕޮލިސް ކޮމިޝަނަރުގެ ފަރާތުން ސައްހަ ނޫން އީ މެއިލްތަކެއް ފޮނުވަމުންދާތީވެ އެކަމަށް އާންމުން ސަމާލުވާން އެދިއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސްގެ ފަރާތުން އަންގާ އެންގުމެއްކަމަށް ސިފަވާގޮތަށް ބައެއް ފަރާތްތަކަށް އީމެއިލް ތަކެއް ލިބެމުންދާކަމުގެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ލިބެމުންދާ ކަމަށެވެ. އަދި ދައުރު ވަމުންދާ އީމެއިލް ތަކަކީ ފުލުހުންގެ އިދާރާއިން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫންކަމަށާއި އެކަމަށް އާންމުން ސަމާލުވާން ޝިފާން
ޝިފާން ވިދާޅުވީ މިއީ މަކަރާއި، ހީލަތް ހަދާ އަދި އޮޅުވާލައިގެން ނަހަމަގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާންމު އުކުޅެއް ކަމަށެވެ.
ޝިފާން ވަނީ އެފަދައިން ފޮނުވަމުންދާ މެއިލްތަކުގެ ފޮޓޯތައް އެކްސްގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން މެއިލްތަކުގައިވާ ގޮތުން އެކައުންޓުގައި ސައިބާ ކްރިމިނަލްގެ ހަރަކާތްތައް ހާމަވެފައިވާ ކަމަށް ލިޔެފައިވާއިރު އަދި އެމީހަކު 24 ގަޑިއިރު ތެރޭ ހައްޔަރު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
“ސައިބާ ކްރައިމް އާއި ދެކޮޅަށް ކުރާ މި ހަނގުރާމަ ކުރިއަށް ގެންދާނީ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)، ނޭޝަނަލް ސައިބާ ކްރައިމް ޕޮލިސް، އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަޕޯލް) އަދި އިންޓަނޭޝަނަލް ޕޮލިސް އޯގަނައިޒޭޝަނުން ކަނޑައަޅާ އަމިއްލަ ސެކިއުރިޓީ އިދާރާއަކުންނެވެ.” އެ މެއިލްގައި ވެއެވެ.
ފުލުހުން ދަނީ މިފަދައިން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އާއި މުދާ ހޯދުމަށް މީހުން ފޮނުވާ އެކިއެކި ލިންކްތައް ހިމެނޭ މެސެޖުތަކުގެ އިތުރުން ކޯލްތަކާ މެދު ސަމާލުވުމަށް އެދިފައެވެ. މިފަދަ ސްކޭމްތަކަށް އާންމުން ހޭލުންތެރި ކުރުމަށް އެކި ޕްރޮގްރާމްތައް ފުލުހުން ދަނީ ހިންގަމުންނެވެ.