ހުޅުމާލޭ މަގުތަކުގެ ދުވާރުމަތީ ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގަން އަންގައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ބެހެއްޓިފައިވާ ގޮނޑި އަދި މޭޒު ފަދަ ތަކެތި ނެގުމަށް އަންގާފައެވެ.
އެޗްޑީސީ އިން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ކެފޭ ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓްތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދެމުންގެންދާކަން އެ ކޯޕަރޭޝަނަށް ވަނީ ފާހަގަކުރެވިފަ އެވެ.
މިފަދައިން ވިޔަފާރި ކުރުމުގެ ސަބަބުން އާއްމުންނަށް ގިނަ ދަތިތައް ކުރިމަތިވާކަމަށާއި އެކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބެމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިކަމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ދުވާރު ބޭނުން ކުރުން، ސްކޫލު ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރު ކުރުން އަދި އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތްކުރުމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލުތަކުން ވެސް ހުށަހަޅާފައިވާކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
އެޗްޑީސީއިން ބުނެފައިވަނީ މިފަދައިން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށެވެ. އާންމުންނަށް ދަތިވާގޮތަށް ދުވާރު މަތީގައި އަދި ހެޖުތެރޭގައި ބެހެއްޓިފައިވާ ގޮނޑި އަދި މޭޒު ފަދަ ތަކެތި ނެގުމަށް އެޗްޑީސީއިން ވަނީ އަންގާފައެވެ.
އެޗްޑީސީ އިން ވަނީ ހުޅުމާލޭ މަގުމަތީގެ ޕޭވްމަންޓްމަތީގައި ބަހައްޓާފައިހުރި ގޮނޑި އާއި މޭޒުނަގަން މީގެ ކުރިން ވެސް އަންގާފައެވެ.