ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ކުންފުނިތަކުން ވޯކް ޕާމިޓާއި ކޯޓާ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ޖޫރިމަނާގެ އަދަދު 100،000ރ.އަށް ވުރެ މައްޗަށް އަރާފައިވާ ކުންފުނިތަކުގެ ނަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން ފީތައް ނުދައްކާ އެބަހުރިކަމަށް އިއްޔެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމެނޭ ލިސްޓެއް އެ ވުޒާރާއިން އާންމުކޮށްފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައެވެ. މި ރިޕޯޓަކީ މި މަހުގެ 23 ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމުން ނަގާފައިވާ ރިޕޯޓެއްކަމަށް އެ ވުޒާރާއިން ބުނެއެވެ.
އޭގެ ތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު މިލިއަނަކަށް ވުރެ ގިނައެވެ. އަދި ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާކަމަށް ވެސް އެ ލިސްޓުން އެނގެއެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަންޖެހޭ ފަރާތުގެ ޖޫރިމަނާ 26.8 މިލިޔަން ރުފިޔާއަށް ވުރެ ގިނައެވެ. މީގެ ތެރޭގައި ވޯރކް ޕަރމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ 24 މިލިޔަނަށް ވުރެ ގިނަ ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި ދައްކަންޖެހޭ 2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހިމެނެއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ މި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރުމަށް އަންގަވާފައެވެ.
މިއީ، ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާތައް ނުދައްކައިގެން ސަރުކާރުން ކުންފުނިތަކުގެ ނަން ހާމަ ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.