ހުއްދަ ނުނަގާ ހުޅުމާލޭގައި ދޫކޮށްފައިވާ ބިންތަކުގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސް ކޮއްފިއެވެ.
އެޗްޑީސީ އިން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި ދޫކޮށްފައިވާ ބިންތަކުގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރާއިރު އެކޯޕަރޭޝަންގެ ގަވާއިދުތަކާ، އުސޫލުތަކަށް ބެލުމެއްނެތި ގޯތިތެރޭގެ މަސައްކަތް ކުރުމާ އިމާރާތް ކުރުމުގެ މަސައްކަތް ކުރާކަން އެކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެޗްޑީސީ އިން ހާމަކޮށްފައިވާ ގޮތުގައި މިކަން މިފަދައިން ނުކުރުމަށް މީގެ ކުރިން ވެސް ވަނީ އިލްތިމާސްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން އެ ކޯޕަރޭޝަނުން ނަގަންޖެހޭ ހުއްދަ ނުނަގާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށް ގަވާއިދާއި ޚިލާފަށް ބޭނުން ކުރަމުންދާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން ބުނެފައިވަނީ މިފަދައިން އަމަލުކުރުމަކީ ހުޅުމާލޭގައި އިމާރާތްކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު އަދި ކުރުން މަނާ ކަމެއް ކަމަށެވެ.
އެހެންކަމުން، ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ހަދަން ފެށުމުގެ ކުރިން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމަށް އިލްތިމާސް ކުރަމުން އެޗްޑީސީ އިން ބުނެފައިވަނީ އެފަދައިން އަމަލު ނުކުރާ މީހުންގެ މައްޗަށް ކަމާގުޅުންހުރި ވުޒާރާތަކާ ގުޅިގެން އޮންނަ އުސޫލުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.