ކައުންސިލްތަކަށް އިންތިޚާބު ކުރާ މެމްބަރުންގެ ގޮނޑި ހުސްވުން އިތުރުވެ ގާތްގާތުގައި ގިނަ އަދަދަކަށް ބައި އިލެކްޝަންތައް ބާއްވަން ޖެހޭތީ އެކަން ހަރުދަނާކޮށް އެ އުސޫލު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ މި އިސްލާހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ، އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއުއެވެ.
މި ބިލަށް ތާއީދުކުރައްވައިފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހީމެވެ.
ޤާނޫނުގައި މީހާރު އޮންނަ އުސޫލުގައި ވާގޮތުން ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް، 60 ދުވަހުގެ ތެރޭގައި ބާއްވަން އޮތް ނަމަވެސް މިއަުދ ހުށަހެޅުނު އިސްލާހު ފާސްކުރެވުމާއެކު، ކައުންސިލްގެ މެންބަރުންގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި، 183 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބާއްވާ ގޮތަށް ބަދަލުވެގެން ދާނެއެވެ.
އެހެން ނަމަވެސް އެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިޚާބުކުރުން ލާޒިމު ނޫން ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އިސްލާހުގައި ބުނެފައިވާގޮތުން ބައި-އިލެކްޝަނަކުން އެ މަގާމަށް އިންތިޚާބުކުރެވޭ ފަރާތަކަށް ކައުންސިލް ރައީސްގެ މަގާމުގައި ދެމިހުރެވޭނީ އެ ކައުންސިލްގެ އުމުރު ހަމަވަންދެނެވެ.
ނަމަވެސް ކައުންސިލުން ހުސްވާ ގޮނޑީގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލުގައި މެންބަރުން ނެތް ނަމަ، 60 ދުވަހުގެ ތެރޭ އެ ހުސްވި މަގާމަށް މެންބަރަކު އިންތިޚާބުކުރަންޖެހޭނެ ކަމަށްވެސް ޝަފީޢު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފައެވެ.
އެއްވެސް ސަބަބަކާ ހުރެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް، ރަށު ކައުންސިލްގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންޖެހެއެވެ. އެހެން އޮތްނަމަވެސް އެ ތިން މަގާމު ހުސްވާއިރު، އެ ތިން ކައުންސިލްގެ ރައީސްކަމުގެ މަގާމު ވެސް ހުސްވެފައިވާނަމަ، އެ ތިން ކައުންސިލުގެ ނައިބުރައީސްގެ މަގާމު ހުސްވާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
އަދި މި ޤާނޫނު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޝްދީޤު ކުރައްވާ ސަރުކާރުން ގެޒެޓުކުރާ ތާރީޚުން ފެށިގެން މި ޤާނޫނަށް އަމަލުކުރަން ފެށޭނެކަމަށްވެސް އެ އިސްލާހުގައި ވެއެވެ.
ރާއްޖޭގައި ގާތްގާތުގައި އިންތިޚާބުތައް ބާއްވާތީ އެއީ ޚަރަދު ވެސް ބޮޑުވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައަށް ވެސް އޮތް އެންމެ ރަނގަޅު ހައްލަކީ އިންތިޚާބުތައް އެކުގައި ބޭއްވުން ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.