ޝަރީއަތުގެ މަޖިލީހުގައި ހަޑި ހުތުރު ބަހުން ވާހަކަދެއްކި މީހަކު 30 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ބަންދު ކުރުމަށް އަމުރުކޮށްފައިވާ މީހާގެ ބަންދުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި މިމައްސަލާއިގައި ހައްޔަރުކޮށްފައިވާ މީހާއަކީ ގދ. ތިނަދޫއަށް ނިސްބަތްވާ 29އ.ގެ އެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.
މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔާރާއި ބަންދު ލޮގް އޮންނަ މިމީހާ ބަންދުގައި ބަހައްޓާފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މި ކުށް ތަކުރާރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީ ކަމުގައި ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އޭނާގެ ބަންދުގެ އަޑުއެހުމުގައި ފުލުހުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމަށެވެ.
މިމައްސަލާއިގައި މުއްތަހަމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާ އިންކާރު ކޮށް ޝަރީއަތުގެ މަޖިލީހުގައި ހަޑިހުތުރުބަހުން މުއާމަލާތް ކޮށް، ޝަރީއަތުގެ މަޖިލީހުގެ ނިޒާމާއި ހިލާފުވެފައިވާއިރު، ޝަރީއަތުން ވަނީ އޭނާއަށް އެފަދައިން އަމަލު ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.
އެހެންނަމަވެސް އޭނާ އަލުން އެކަންކަން ތަކުރާރު ކުރުމުން ގާޟީ ވަނީ ޝަރީއަތުގެ ނިޒާމް ހިލާފުވެފައިވާތީ 30 ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.