އައިޖީއެމްއެޗުގެ އިހުމާލުން ތުއްތު ދަރިފުޅު މަރުވި މައްސަލައެއްގައި، އެ ދަރިފުޅުގެ ބަދަލު ދައުލަތުން އާއިލާއަށް ދީފިއެވެ.
މިދިޔަ އަހަރު އައިޖިއެމްއެޗްއާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި އެ ދަރިފުޅު ނިޔާވުމުގައި އެ ހޮސްޕިޓަލުގެ އިހުމާލު އޮތްކަމަށް އައިޖީއެމްއެޗުން ވަނީ އިއުތިރާފްވެފައެވެ.
އެގޮތުން ދެފަރާތުގެ ދެމެދުގައި ކޯޓުން ބޭރުން އެއްބަސްވުމަކަށް އައިސްފައިވުމުގެ ސަބަބުން ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ފޯމު ފަހުން ބާޠިލްކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ބަންޑާރަ ނައިބު އޮފީހުން ވިދާޅުވީ މައްސަލައިގެ ބާވަތުގެ ގޮތުން މައްސަލަ ކޯޓު މަރުހަލާގައި ދިގުލައިގެން ދިއުމަށްވުރެ މަސްލަހަތު އޮތް ގޮތަކީ ދެފަރާތުގެ ދެމެދުގައި ސެޓަލްމަންޓް އެގުރިމަންޓަކަށް ދިއުމަށް ނިންމީކަމުގައެވެ.
އެ މައްސަލަ ސެޓްލްކޮށްފައި ވަނީ މައްސަލައިގެ އެދުނު ވަރަށް ވުރެ ކުޑަ އަދަދަކަށް ކަމަށް ވެސް އެ އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން އައިޖީއެމްއެޗާއި އާއިލާއާ ދެމެދު ހެދި އެއްބަސްވުމުގައި މާލީ ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދު ސިއްރު ކުރުމާ ގުޅޭ މާއްދާއެއް އާއިލާގެ އެދުމުގެ މަތިން ހިމަނާފައި ވާތީ، އާއިލާ އަށް ދިނީ ކިހާ ވަރެއްގެ ބަދަލެއް ކަމެއް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.