މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮނިގަނޑަށް ގެނެވުނު ބަދަލާއިއެކު އަލަށް ތައާރަފްކުރި މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެމްއެމްއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އެއިދާރާގެ އޮނިގަނޑަށް ގެނެވުނު ބަދަލާއިއެކު އަލަށް ތައާރަފްކޮށްފައިވާ ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް، ހުނަރުވެރި ގާބިލް އަދި އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކުރިއަށް ދިއުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ކަމަށެވެ.
އެމްއެމްއޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށާއި ދެ ޖިންސުގެ މީހުންނަށް ވެސް މިޒީފާއަށް ކުރިމަތި ލުމުގައި ހަމަހަމަ ފުރުސަތު އޮތް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެގޮތުން މެނޭޖިން ޑިރެކްޓަރުން އައްޔަންކުރާ ފަސް ދާއިރާ އަކީ:
– މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް
– ފައިނޭންޝަލް ސްޓެބިލިޓީ
– ބޭންކިން އޮޕަރޭޝަންސް
– ކޯޕޮރޭޓް ސަވިސަސް
– ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް
މިފަސް ދާއިރާއަށް އައްޔަން ކުރާ މެނޭޖިން ޑިރެކްޓަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 50,000 – 55,000ރ. ގެ އަދަދެއް ލިބޭނެ ކަމަށާއި މިވަޒީފާގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.
ޒަމާނީ ސެންޓްރަލް ބޭންކަކަށް އެމްއެމްއޭ ހެދުމުގެ ބޭނުމުގައި އެމްއެމްއޭގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެންނަން ނިންމެވީ އާ ގަވަރުނަރު އަހުމަދު މުނައްވަރެވެ.