ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލްކުރައްވާ މެންބަރަކަށް ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު އިންތިޚާބު ވެވަޑައިގެންފިއެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަން ކުރާ މެމްބަރު އިންތިޚާބުކުރުމަށް އިއްޔެ ހެނދުނު 10އިން މެންދުރު 12އަށް ކުރިޔަށް ގެންދިޔަ އިންތިޚާބުގައި، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދް ހިމެނިވަޑައިގަންނަވާހެން ޖުމްލަ 5 ފަނޑިޔާރުން ވަނީ ވާދަކުރައްވާފައެވެ.
ވާދަ ކުރެއްވި ގާޒީންނާއި ލިބިލެއްވި ވޯޓުގެ އަދަދު:
- ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު – 91 ވޯޓު
- ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާން – 71 ވޯޓު
- ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުޙައްމަދު – 1 ވޯޓު
- އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަޙްމަދު – 0 ވޯޓު
- ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު – 0 ވޯޓު
އެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ 166 ފަނޑިޔާރުން ހިމެނެއެވެ. އެ އިންތިޚާބުގައި، ތިން ފަނޑިޔާރަކު ފިޔަވައި، އެހެން ހުރިހާ ފަނޑިޔާރުން ވޯޓު ދެއްވިއެވެ.
މި އިންތިޚާބު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ‘ފަހިވޯޓް’ މެދުވެރިކޮށްކަމަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވެއެވެ.
ވަރޗުއަލްކޮށް މި އިންތިޚާބު ބޭއްވި މިއީ ފުރަތަމަ ފަހަރެވެ.