އިންޑީއާއިން އެކި މަޝްރޫއުތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައި ދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
މިއަދު އައްޑޫގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާއި ހާވާލުކުރުމަށް ހިތަދޫ ހައި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖައިޝަންކަރު ވިދާޅުވީ އިންޑިއާ ދެކެނީ ރާއްޖެއަކީ އިންޑިއާގެ “ކީ ޕާޓްރަނެއް” ގެ ގޮތުގައި ކަމަށާއި އިންޑިއާ އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެކި މަޝްރޫއުތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.
މިދިޔަ ދެ ތިން އަހަރުގެ ތެރޭގައި އިންޑިއާ އިން 220 މިލިއަން ޑޮލަރުގެ މަޝްރޫއުތައް އައްޑޫގައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާ ޖައިޝަންކަރު ވިދާޅުވީ މީގެންވެސް އަންގައިދެނީ އިންޑިއާ އިން ރާއްޖޭގެ ސަރަހައްދީ ތަރައްގީ އަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމަށެވެ.
މީގެއިތުރުން، އިންޑިއާގެ އެހީގައި މިވަގުތު ރާއްޖޭގައި 65 މަޝްރޫއެއް ކުރިއަށް ގެންދާކަމަށާއި އޭގެ ތެރެއިން 12 މަޝްރޫއު ކުރިއަށް ގެންދަނީ އައްޑޫގައި ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ވެސް ފަސް ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި އެ ހިދުމަތްތައް ބޭނުންކުރާ މަންޒަރު ފެނިވަޑައިގަތުމުން އެކަމާއި އުފާ ކުރައްވާ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށެވެ. އަދި މިއަދު އައްޑޫއަށް އެމަނިކުފާނު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ވެސް މިނިސްޓަރު ޒަމީރު އެވެ. މިއީ ޖައިޝަންކަރު އައްޑުއަށް ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިންވެސް އިންޑިއާގެ އެހީގައި އައްޑޫގައި މިދިޔަ ސަރުކާރުން ތަރައްގީކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.