އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާއި މިއަދު ހަވާލުކޮށްފި އެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސް އާއި ހަވާލުކޮށްފައި ވަނީ 21 ފެބްރުއަރީ 2021 ގައެވެ. އަދި އައްޑޫ ގޮނޑުދޮށް ހިމާޔަތްކޮށް ބިން ހިއްކުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ވެންއޫޑު އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ 27 މާޗް 2022 ގައެވެ.
މިދެމަޝްރޫއުތަކުގެ މަސައްކަތްތައް ނިންމުމަށްފަހު މިއަދު ހިތަދޫ ހައި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ވަނީ ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ.
އެ މަޝްރޫއުތައް ނިންމައި ސަރުކާރާ ހަވާލުކުރުމަށްފަހު، ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނުގައި ދައްކާފައިވާ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއާ އެކު އައްޑުއަށް 190 ހެކްޓަރުގެ ބިން ވާނީ މިހާރު އިތުރުކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިތަދުއަށް އިތުރުކުރި 80 ހެކްޓަރާއި މަރަދު އާއި މަރަދޫފޭދު އަށް އިތުރުކުރި 76 ހެކްޓަރުގެ ބިމުގެ އިތުރުން ހަންކެޑެއަށް އިތުރުކުރި ހަތަރު ހެކްޓަރު ހިމެނޭނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ އިތުރުން ހަންކެޑެ ބްރިކް ވެސް ވަނީ އިފްތިތާހް ކޮށްފައެވެ. ހިތަދޫ ޒޯން 2 ގައި ހިއްކި ސަރަހައްދާ އެކު މިރަށަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އާޓިފިޝަލް ބީޗު އޮތް ރަށަށެވެ.
މިމަޝްރޫގެ ތެރޭފައި ހަންކެޑެ ފަޅުގައި ޓޫރިޒަމް ފުޅާކުރުމަށް 8.3 ހެކްޓަރުގެ ތިން ރަށް ހިއްކައިގެން އެރަށްތައް ހިމާޔަތްކުރުމަށް ހިތަދޫ އާއި މަރަދޫ ފޭދޫ އަދި ލިންކް ރޯޑު ސަރަހައްދުން ވަނީ ރިވެޓްމެންޓް ޖަހައިފަ އެވެ.
މިދެ މަޝްރޫއަށް 80 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އައްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމަކީ އައްޑޫ ތަރައްގީ ކުރުމަށް ސްޓެޓީޖިކް ވިޝަންގައި ހިމަނާފައިވާ މުހިއްމު މަޝްރޫއެއް ކަމަށާއި ހަންކެޑެ ބްރިޖަކީ، ހަންކެޑެ ޓޫރިޒަމް ފުޅާކުރުމަށް ކުރާ މަސައްކަތަށް ގުޅިފައިވާ ބޮޑު މަޝްރޫއުއެއް ކަމަށެވެ.
މިމަޝްރޫއުތަކާއިއެކި، އައްޑޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ނިމުމެއް އަންނާނެކަން ފާހަގަކުރައްވާ މުއްތަލިބް ވިދާޅުވީ މިހާރު އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ވެސް އޮތީ ނިމުމަކާއި ގާތްވެފައި ކަމަށެވެ.